ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ދޮށީ އުމުރުގެ މީހުންގެ އާބާދީއަކީ 20,500 އެވެ.
އޮކްޓޯބަރު 1 ގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ދޮށީ އުމުރުގެ މީހުންގެ ތަފާސްހިސާބުތަކާ ބެހޭ ރިޕޯޓެއް ނެރެފިއެވެ.
މި ރިޕޯޓުން ހާމަވާގޮތުގައި މިހާރު ދިވެހިރާއްޖޭގައި ތިބީ 10,530 ދޮށީ އުމުރުގެ ފިރިހެނުންނާއި 10,023 ދޮށީ އުމުރުގެ އަންހެނުންނެވެ. މިއީ މުޅި އާބާދީގެ 5 އިންސައްތައެވެ.
މި ޑިމޮގްރަފިކްގެ 63 އިންސައްތައަކީ 65 އާއި 74 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 9 އިންސައްތައަކީ 85 އަހަރުން މަތީގެ މީހުންނެވެ.
65 އާއި 74 އަހަރާ ދެމެދުގެ ދޮށީ އުމުރުގެ މީހުންގެ އަދަދު:
– އަންހެނުން: 6,335
– ފިރިހެނުން: 6,668
75 އާއި 84 އަހަރާ ދެމެދުގެ ދޮށީ އުމުރުގެ މީހުންގެ އަދަދު:
– އަންހެނުން: 2,935
– ފިރިހެނުން: 2,839
85 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންގެ އަދަދު:
– އަންހެނުން: 753
– ފިރިހެނުން: 1,023
ދިވެހިރާއްޖޭގެ ދޮށީ އުމުރުގެ މީހުންގެ އެންމެ ބޮޑު އިންސައްތައެއް ދިރިއުޅެނީ ވެރިރަށް މާލޭގައެވެ. މާލޭގައި 6,669 ދޮށީ އުމުރުގެ މީހުން ދިރިއުޅެއެވެ. އޭގެ ފަހަތުން އައްޑޫ ސިޓީގައި 1,802 ދޮށީ އުމުރުގެ މީހުން ދިރިއުޅޭއިރު، ހއ. އަތޮޅުގައި 1,303 ދޮށީ އުމުރުގެ މީހުން ދިރިއުޅެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ދޮށީ އުމުރުގެ މީހުންގެ 60 އިންސައްތައަކީ ކައިވެނިކޮށްގެން ތިބި މީހުންނެވެ. 11 އިންސައްތައަކީ ވަރިވެފައިވާ މީހުންނެވެ. 20 އިންސައްތައަކީ އަނބިމީހާ ނުވަތަ ފިރިމީހާ މަރުވެފައިވާ މީހުންނެވެ. އަދި 1 އިންސައްތައަކީ އެއްވެސް އިރެއްގައި ކައިވެނި ނުކުރާ މީހުންނެވެ.
2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ދޮށީ އުމުރުގެ މީހުންގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ ލޯބި މަދުވެފައި އަދި ހިތްދަތިކަމުގެ ޙާލަތުގައެވެ.
އުމުރުން ދުވަސްވީ މީހުންގެ މެދުގައި މިފަދަ ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް ފެތުރެމުންދާތީ، މިކަންކަމަށް ހައްލެއް ހޯދުމަށް ސަޕޯޓް ސިސްޓަމްތަކާއި ޕްރޮގްރާމްތައް ހިންގުމަށް މި ދިރާސާގައި ވަނީ ބާރު އަޅާފައެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ މުޖުތަމައުތަކަށް ޒިޔާރަތްކޮށް ބޭނުންވާ ފަރުވާ ދިނުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމަށް ވަނީ ލަފާދީފަ އެވެ. އަދި މިކަމުގެ ޒިންމާ ސިއްހީ ހިދުމަތްތެރިންނާއި ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ހިއްސާކުރަން ޖެހޭ ކަމަށް ދިރާސާގައި ލަފާ ދީފައިވެ އެވެ.