ހޯމަ. އޮކްޓޯ 19th, 2026
ނޫސްވެރިޔާ

ދުނިޔެމައްޗަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭން ކަމެކެވެ. އެއީ ކަޅުފޮއެ، އަނދިރި ރޭގަނޑެކެވެ. ޖެހެމުންދާ ފިނި ވައިރޯޅީގެ އަޑު ފިޔަވައި އެއްވެސް ދިރުމެއްގެ ހިލަމެއް ނެތެވެ. މުޅި ރަށް އޮތީ ބިރުވެރި ފަޅުކަމެއްގެ ތެރޭގައެވެ. މަގުތަކުގައި ދިރޭ ފުރާނައެއްގެ ހިލަމެއް ނެތްއިރު، ޖައްވުގައި އެކުލެވިފައިވަނީ ހިތާމަވެރި ގޮތްނޭނގޭ މައުނަވީ އަނދިރިކަމެކެވެ.

ކުޑަދޮރު ކައިރީގައި ހުރި ޔާނާގެ ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކުން އޭނާގެ ކޯތާފަތް ތެމެމުން ދިޔައެވެ. އޭނާގެ ޒުވާން އުމުރު ހުސްވެ، ދުވަސްތައް ފާއިތުވަމުން މިދަނީ އެތަކެއް ހިތި ކަމަކާ ވިސްނައި ފިކުރުކުރުމުގައެވެ. ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، މުޅި މީހާ ވަނީ މާޔޫސްކަމުގެ ފުން ކަނޑަކަށް ގެނބިފައެވެ.

އެއްޒަމާނެއްގައި އޭނާގެ ދިރިއުޅުމަކީ ހިނިތުންވުމާއި އުފާވެރިކަމުން ފުރިގެންވި ބަގީޗާއެކެވެ. އޭނާ ދުށް ހުވަފެންތަކާއި ކުރި އެތަކެއް ފޮނި އުއްމީދުތައް އިންތިހާއަށް ގިނައެވެ. ކުރިމަގު ބައްޓަންކުރުމަށްޓަކައި ހިތުގައި ކުރަހާފައިވަނީ ކުލަގަދަ ތަސްވީރެކެވެ. ނަމަވެސް، މިންވަރުފުޅުގައި ވީ އެހެން ގޮތެކެވެ. ހީވެސް ނުކުރާ ފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔާނާގެ ދިރިއުޅުމަށް އައި ބޮޑު ތޫފާނެއްގެ ސަބަބުން، ހުރިހާ އުއްމީދެއް ވިއްސިވިހާލިވެގެން ދިޔައެވެ. އެންމެ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ދިރިއުޅުން އެއްކޮށް ހަލާކުވެ، ބިމާ ހަމަވެގެން ދިޔައީ އޭނާގެ ބާރެއް ނެތް ހާލުގައެވެ.

އެ ހިތި ހަނދާންތައް މިއަދުވެސް ޔާނާގެ ސިކުނޑީގައި ކަނޑައެޅި ބިންވަޅު ނެގިފައިވެއެވެ. އުފާވެރި މާޒީ އަނބުރާ ނުލިބޭނެކަން އެނގޭއިރުވެސް، އެ ހަނދާންތަކާ ދުރަށް ދާން އޭނާގެ ހިތް ކުޅަދާނައެއް ނުވިއެވެ. ރޭގަނޑުގެ އެ ފަޅު ވަގުތުގައި، އަމިއްލަ ނަފްސާ ވާހަކަދައްކަމުން ޔާނާ އިސްއުފުލައި އުޑާ ދިމާއަށް ބަލައިލިއެވެ. އެ ހިތާމަތަކުން ސަލާމަތްވެ، އަލުން ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވުން އެދި، ހިތުގެ އަޑިން ދުޢާކުރަމުންނެވެ. އެހެނީ ހިތި ހަނދާންތަކަކީ އިންސާނާ ރޮއްވާލި ނަމަވެސް، ކެތްތެރިކަމުގެ އަގުބޮޑު ފިލާވަޅުތަކެއް އުނގަންނައިދޭ އެއްޗެކެވެ

Related Post

Leave a Reply

Your email address will not be published. Required fields are marked *