ސައުދީ އަރަބިއްޔާ: އިސްލާމީ އުންމަތް މިއަދު ތިބީ އާ ހިޖުރީ އަހަރެއްގެ ފެށުން އަންގައިދޭ މުޙައްރަމް މަހުގެ ހަނދު ފެނުމުގެ އިންތިޒާރުގައެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި ޖޫން 15، 2026 ވާ މިއަދު ހަވީރު އުޑުމަތިން ހަނދު ފެނުމުގެ ފުރުސަތު ބޮޑުވެ، ހިޖުރީ 1448 ވަނަ އަހަރު ފެށުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.
ފަލަކީ އިލްމުވެރިން ހާމަކުރާ ގޮތުގައި، މުޙައްރަމް މަހުގެ އާ ހަނދު އުފަންވެފައިވަނީ މިއަދު (ހޯމަ ދުވަސް) ހެނދުނު މައްކާ ގަޑިން 05:54 ގައެވެ. މިއީ މިއަދުގެ އިރުއޮއްސުމުގެ ގާތްގަނޑަކަށް 13 ގަޑިއިރާއި 11 މިނެޓް ކުރިއެވެ. މިއަދު ހަވީރު މައްކާއަށް އިރުއޮއްސޭ ވަގުތު ކަމަށްވާ 19:05 ގައި، ހަނދު ހުންނާނީ އިންސާނުންގެ ލޮލަށް ފެންނަވަރުގެ ފަލަކީ އުމުރެއްގައެވެ. އަދި އިރުއޮއްސުމަށްފަހު ގާތްގަނޑަކަށް 40 މިނެޓް ވަންދެން ހުޅަނގު އުޑުމަތީގައި ހަނދު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
އައު ހަނދު އުފަންވަނީ ހަނދާއި އިރު އެއް ސަފަކަށް އައުމަށްފަހު، ކުރީގެ ހަނދު ދައުރު ނިމި ދުނިޔޭގެ ވަށައިގެން އާ ދައުރެއް ފެށުމުންނެވެ. މިފަހަރުގެ ހަނދު އުފަންވި ވަގުތާއި އިރުއޮއްސޭ ވަގުތާ ދެމެދު އެކަށީގެންވާ ވަގުތު އޮތުމުން، ހަނދު ފެނުމުގެ ފުރުސަތު އިތުރުވެއެވެ.
ދިރާސާވެރިޔާ ޑރ. ޒިޔާދު އަލާވީގެ ފަލަކީ ޗާޓުތަކުން ދައްކާ ގޮތުގައި، ގިނަ އަރަބި ގައުމުތަކަށް ހުސްލޮލުން ނުވަތަ ޓެލެސްކޯޕް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަނދު ފެނުމުގެ ފުރުސަތު އެބައޮތެވެ. ވަކިން ހާއްސަކޮށް އަރަބި ޕެނިންސުލާ، ލެވަންޓް އަދި އުތުރު އެފްރިކާގެ ސަރަހައްދުތަކުގައި އުޑުމަތި ސާފުނަމަ ހަނދު ފެނުމުގެ ޝަރުތުތައް ފުރިހަމަވެއެވެ.
އިސްލާމީ އެކި ގައުމުތަކުގެ ހަނދު ބަލާ ކޮމިޓީތަކާއި ފަލަކީ އިލްމުވެރިން މިއަދު ހަވީރު ހަނދު ބެލުމަށް ނުކުންނާނެއެވެ. މިފަހަރުގެ މުޙައްރަމް މަހުގެ ހަނދު ހާއްސަވާ އަނެއް ސަބަބަކީ، އުޑުމަތީގައި ވީނަސް، ޖުޕިޓަރ އަދި މާކިއުރީ އެއް ސަފަކަށް އަތުރާލެވިފައިވާ މަންޒަރު ހަނދާ އެކު ފެނިގެންދާނެތީއެވެ.
ފަލަކީ ހިސާބުތަކަށް ބަލާއިރު، މިއަދު ހަނދު ފެނުމުގެ ފުރުސަތު ބޮޑުކަމުން، 16 ޖޫން 2026 ވާ އަންގާރަ ދުވަހަކީ ހިޖުރީ އާ އަހަރު ކަމަށްވާ 1448 ވަނަ އަހަރުގެ ފުރަތަމަ ދުވަހަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރަސްމީކޮށް އާ އަހަރު ފެށޭ ދުވަސް އިއުލާން ކުރާނީ މިއަދު އިރުއޮއްސުމަށްފަހު ކަމާބެހޭ ދީނީ އިދާރާތަކުންނެވެ.
ހިޖުރީ ކަލަންޑަރުގެ ފެށުމަކީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ހާދިސާ ހަނދާންކޮށްދޭ، މުސްލިމުންގެ ދީނީ އަދި ތާރީޚީ މުހިންމު ފެށުމެކެވެ.
މަސްދަރު :އަލްޖަޒީރާ

