އާ ސަހަރާ ގަބުރުސްތާނުގެ މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ޖަނާޒާގައި ބައިވެރިވާ މީހުން ތިބޭގޮތަށް ހަދާފައިވާ ދެ ބުރީގެ އިމާރާތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް ވިދާޅުވީ މިސްކިތާއި ވެއިޓިން އޭރިއާގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ހުކުރު ދުވަހުން ފެށިގެން ގަބުރުސްތާނު ބޭނުންކުރަން ހުޅުވާލާނެ ކަމަށެވެ.
ގްރައުންޑް ފްލޯގެ މަސައްކަތް ނިމިފައި ވަނިކޮށް މި މަހުގެ ކުރީކޮޅު ގަބުރުސްތާނު ބޭނުންކުރަން ހުޅުވާލި ނަމަވެސް އެ މަސައްކަތް މުޅިން ނުނިމޭތީ އެ މުއްދަތުގައި އެތަނުގައި ކަށުނަމާދު ކޮށްފައެއް ނުވެ އެވެ.
މިދިޔަ މެއި މަހު މާލޭގައި ޖަނާޒާ ތައް ބަންދުކުރުމާ ހަމައަށް ވެސް ޖަނާޒާ ބާއްވާ ހަމައެކަނި ތަނަކީ އާ ސަހަރާ ގަބުރުސްތާނެވެ. އޭގެ ފަހުން މާލޭގައި މަރުވި މީހުންގެ ޖަނާޒާ ތައް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ގަބުރުސްތާނުގަ އެވެ.
އާ ސަހަރާ ތަރައްގީކުރަން ފެށި މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލު ކުރިޔަސް, އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ. އަދި މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކުރީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.
އޭގެ ފަހުން މިދިޔަ އޭޕްރީލް މަހު އެ ތަނުގެ ފިނިޝިން މަސައްކަތް ހަވާލުކުރީ އެހެން ބަޔަކަށެވެ. މި މަޝްރޫއު އެއްކޮށް ނިމުނުއިރު 11 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.