ދިވެހި ސަގާފީ މިއުޒިކާއި ބޮޑުބެރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ”އެންދެރި ބޮޑުބެރު ގުރޫޕް“ އިން އެ ގުރޫޕްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ”ރަންދާމުޅާ“ ރަސްމީކޮށް އާންމުންނަށް ދޫކޮށްލައިފިއެވެ. މީގެ ދެ ދުވަސް ކުރިން މި ލަވައިގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މި ލަވައަށް ވަނީ ހުއްޓިފައެވެ.
މިރޭ އާންމުންނަށް ދޫކޮށްލި މި ލަވައަކީ އެންދެރި ބޮޑުބެރު ގުރޫޕަށް ލޯބިކުރާ ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ނެރުނު ލަވައެކެވެ. މި އުފެއްދުމުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، މިއުޒިކީ ދާއިރާއަށް އަލަށް ނުކުންނަ އައު ފަންނާނުންތަކެއް މި ލަވައިން ފެނިގެންދާ ކަމެވެ. ޒުވާން މޫނުތަކަކާއި ތަފާތު ހުނަރުތަކެއް މި ލަވައިގެ ތެރެއިން ދައްކުވައިދީފައިވެއެވެ.
ރަންދާމުޅާ“ އަކީ ލޯބީގެ ރީތި ޅެމަކަށް ތައްޔާރުކޮށްފައިވާ ހިތްގައިމު ލަވައެކެވެ. މި ލަވައިގެ މިއުޒިކާއި މަންޒަރުތައް ބައްޓަންކޮށްފައިވަނީ ލޯބީގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ކަމުދާނެ ފަދަ ގޮތަކަށެވެ. މިއީ އެންދެރި ބޮޑުބެރު ގުރޫޕަށް ސަޕޯޓްކުރާ ފަރާތްތަކަށާއި، ދިވެހި އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ފުރިހަމަ އުފެއްދުމެކެވެ.
އެންދެރި ބޮޑުބެރު ގުރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ފަންނުވެރިކަން ކުރިއަރުވައި، އައު ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށެވެ. އެގޮތުން ”ރަންދާމުޅާ“ ވެގެންދާނީ އެ ގުރޫޕްގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ރަން ބޮޅަކަށެވެ. މިހާރު މި ލަވަ ހުރިހާ މީސްމީޑިއާގެ މަންސަތަކުން ބަލައިލެވޭނެއެވެ.

