ހޯމަ. ޑިސެމް 23rd, 2024

ފެންބޮޑުވުމަށް ދާއިމީ ހައްލެއް ޗައިނާ އިން މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު ލިބޭނެކަމަށް ރައީސް ވިދާޅުވެއްޖެ

ފޮޓޯ: ރައީސް އޮފީސް

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ނިމުމުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު މި ވާހަކަ ވިދާޅުވެފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ހިނގާބިނގާވުމަށާއި ދުއްވާ އެއްޗިއްސަށް ދަތިވާ ވަރަށް މަގުތަކުގައި ފެން ހެދިފައިވާތީ، ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށެވެ. އަދި އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ އިން މާލޭގެ މަގުތައް ހަދައިދޭން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާއަށް ފަހުގަ އެވެ. އެއީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ މަޝްރޫއެކެވެ.

މިއަދުގެ ވިއްސާރައާ ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވައިފައިވެ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *