ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.
ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު އެ އޮފީހުން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ޖުމްލަ 539 މައްސަލައެއް ރިވިއުކުރަން ޕީޖީ އޮފީހަށް ހުށަހަޅާފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މީގެ ތެރޭގައި ވ. އާރަށް އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ބަލައިގަތުމާއި މަނީ ލޯންޑަރިންގެ ދައުވާ ޔާމީންގެ މައްޗަށް ކުރެ އެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ވ. އަތޮޅު އާރާ ކުއްޔަށް ދޫކުރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ފަހުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށް، އާ ހެކިތަކަކީ ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ނިމެންދެން ޝަރީއަތް މެދުކަނޑާލާފަ އެވެ.