1602 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހު މި ފެނުނު ރަށްތަކާއި ފަޅުތަކަކީ ދިވެހިރާއްޖެ ކަން ކޯބިންގައި ހުރި އިނގިރޭސި މީހާގެ ވާހަކަތަކުން އޮޑީގައި ތިބި އެންމެންނަށް އެނގުނެވެ. އެއަށްފަހު ޖެހިގެން އައި ރޭނގަޑު ދަތުރު ކުރަމުން ދިޔައީ ، އޭގެ ޒާތުގައި ދުއްވަމުން ދިޔައީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޮޑި ދުވާނެ ގޮތަކަށް ދުވަން އޮޑި އޮތީ ދޫކޮށްލެވިފައެވެ. ދުއްވަން ހުރި ކެޕްޓަން ބަލިވެގެން ތިރީގައި އޮށޯވެ އޮތެވެ. މޭޓާއި ސެކަންޑް މޭޓް ވަނީ ރާބޮއި އިންތިހާއަށް މަސްތުވެފައެވެ. ބިނަކަލްގެ ( ސަމުގާގެ ދެފަރާތުގައިވާ ފެއްސާއި ރަތުގެ ބޮކި) ބައްތިތައް ނިވިފައި ހުއްޓެވެ. އަދި ދަންފޯރިއަށް ތިބޭ މީހުން ތިބީ ނިދާފައެވެ. މި ހާލަތުގައި ހާދިސާއެއް ހިނގުމަކީ ގާތްގަނޑަކަށް ޔަގީން ކަމެކެވެ. އަދި 2 ޖުލައި ވަނަ ދުވަހުގެ އިރު އެރިވަގުތު، ވެގެންދިޔައީ ކޯބިން އުޅަނދު މިހާރު ނަމުންނަމަ ގޮއިދޫ އޭރުކިޔާގޮތަށް ހޯސްބަރގް އެޓޯލް ގެ ނަމުންކިޔޭ ފަރުގެ ގާތަކުގައި އުޅަނދުގެ ބަނޑުފިލާ ބާރަށް ޖެހި ބީހުމުގެ ހާދިޘާ ހިނގި ވަގުތަށެވެ. މީގެ ސަބަބުން ކުރިމަތިވި ހާސްކަމާއި ބިރުވެރިކަމުގެ މަންޒަރު މުސައްނިފު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އޭގެ ފަހުން އައި ދުވަހު، މުޅިދުވަސް ހޭދަކުރަންޖެހުނީ އޮޑި ފުންކޮށް ބީހިފައިވާ ފަރުގެ ގާތަކުގެ ތެރެއިން ކަނޑުގެ ތެރެއަށް ނެރުމުގެ މަސައްކަތްކުރުމުގައެވެ. އޮޑި ފުންކުރިއިރު އޮޑީގެ ބަނޑުފިލާގައި ހަލާކުވެފައި ހުރިތަންތަނުން ދިޔަވެ ، އެންމެފަހުން ގޮއިދޫ އާއި މާދުރުނޫން ހިސާބަކަށް އޮޑި ޤަރަޤު ވީއެވެ. އެއީ އެ ހާދިޘާ ހިނގިތާ ތިންވަނަ ދުވަހެވެ. އެހެން ކަމުން އެދުވަހުގެ ހެނދުނު ހުރިހާ އެންމެން ފުޅަދޫއަށް ފޭބީއެވެ. ގޮއިދޫ ، ފުޅަދޫ އަދި ފެހެންދޫ ( ގޮއިފުޅަފެހެންދޫ) މި އީ އެއްފަޅުތެރޭގައި އޮންނަ ތިން ރަށެވެ.
ފުރާނަ ސަލާމަތުން ފުޅަދޫ އަށް ފޭބުނު މީހުންގެ އަދަދަކީ ގާތްގަނޑަކަށް 40 މީހުންނެވެ. އޭރުވެސް ގިނަ މީހުން، އޭގެ ތެރޭގައި ކެޕްޓަން ވެސް ހިމެނޭ ގޮތަށް، ތިބީ މަޑަގަސްކަރު ހުމުން ބަލިވެފައެވެ. އަނެއްބައި މީހުން، މަސްތުވުމުގެ ސަބަބުން އެއްވެސް ހޭވަރިކަމެއް ނުވާހާލުގައެވެ. ( މިފަދަ ދަށް އަޙްލާޤެއްގެ ބަޔަކާއި އެކު ކަނޑު ދަތުރު ކުރެވުނު ކަމީ މުސައްނިފު ފާހަގަ ކޮށްފައިވާ ގޮތުން މިހުރިހާ ބަދުނަސީބަކާއި ތުރާލެއް ކުރިމަތިވި މައިގަނޑު ސަބަބެވެ. )