މި ލިޔުމުގައި ވިޔަފާރިވެރިޔާ އާއި އެހެން ދެވަނަ ވިޔަފާރިވެރިއެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އަދި ފުރަތަމަ ވިޔަފާރިވެރިޔާއާއި ކެޕްޓަނާ ދެމެދު ދިގު މުއްދަތަކަށް ދެމިގެންދިޔަ ޚިޔާލުތަފާތުވުމެއްގެ ވާހަކަވެސް ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ. ޕިރާޑަކީ ބަޑިޖަހާ މީހެއް ނޫންކަން އަންދާޒާކުރެވެނީ، އޭނާގެ އަމިއްލަ ހުނަރު ފާހަގަކުރެވެންޖެހޭ ވަގުތުތަކާއި ތަންތަނުގައި އޭނާގެ އެހެން އެކުވެރިން ބަޑިޖަހާ މީހުންގެ ގޮތުގައި ބަޔާންކޮށްފައިވާތީއެވެ. އުޅަނދުގައި ތިބި ދެ ޕާސަރުންގެވާހަކަ އާއި އޭގެއިތުރަށް އޭނާ އަމިއްލައަށް ފާހަގަކޮށްފައިނުވާ ބަޔަކީ ހަމައެކަނި އޮފިސަރުންނެވެ. އަދި އަހަރެންގެ ޚިޔާލުގައި އޭނާއަކީ އިސްމީހަކަށްވެފައި، މަސައްކަތުގެވާހަކަތައް ބަޔާންކުރާ ވަގުތެއްގައިވެސް އަދި ހުރިހާ ތަނެއްގައިވެސް ވިޔަފާރީގެ ކަންކަމަށް، ޚާއްޞަކޮށް ބާޒާރުގެ މުދަލާއި އަގުތަކަށް ދޭ ޚާއްޞަ ސަމާލުކަމަށް ބަލާއިރު، އޭނާއަކީ އުޅަނދުގެ ޕާރސަރުންގެ ތެރެއިން އެކަކު ކަމަށް ލަފާކުރެވެއެވެ.
(ޕަރސަރަކީ އުޅަނދެއްގައި މައިގަނޑު ގޮތެއްގައި ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މީހާއެވެ. މިޒަމާނުގެ ވިޔަފާރި އުޅަނދުފަހަރުގައި، ޕަރސަރަކީ އުޅަނދުގެ އެންމެހައި އިދާރީ ކަންތައްތައް (އޭގެ ތެރޭގައި އުޅަނދުގެ މުދަލާއި ފަސިންޖަރުންގެ މެނިފެސްޓްވެސް ހިމެނޭގޮތަށް) އަދި ސަޕްލައިގެ ކަންތައްތަކަށް ޒިންމާވާ އޮފިސަރެވެ.)
އުޅަނދުތައް ސެއިންޓް މަލޯއިން ފުރީ 1601 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ފުރަތަމަ ވެސް ބަދުނަޝީބުގެ ނިޝާނަކަށް ފެނުނު ކަމަކީ ދަތުރު ކުރަމުންދިޔަ އުޅަނދު ކޯބިންގެ ކުރީ ނަގިލި ބިންދުމެވެ. އެއީ އެންމެ 9 ނުވަތަ 10 ލީގު ދުރުގައި ތިއްބައެވެ. ފަޅުވެރިންގެ މެދުގައި އިތުރުވަމުން އައި ނުކިޔަމަންތެރިކަމުގެ ސަބަބުން، ލަ ބަރދެލިއޭރެ ފަރަންސޭސި ބަނދަރަށް އެނބުރި ދިއުމަށް އިންކާރުކުރިއެވެ. އަދި ނަގިލި ވަޑާންވެރިން ވީވަރަކުން މަރާމާތުކުރިއެވެ. 21 ވަނަ ދުވަހު އެމީހުންނަށް 9 ޑަޗް އުޅަނދެއް ފެނުނެވެ. ލަފާކުރެވޭ ގޮތުގައި އެއީ ހީމްސްކަރކްގެ އުޅަނދުފަހަރު ކަމަށް ބެލެވެއެވެ. އެމީހުން ޓެކްސެލްއިން ފުރީ އޭޕްރިލް 23 ގައެވެ. ) ޓެކްސެލް އަކީ ނެދަލެންޑްސްގެ އުތުރު ސަރަޙައްދުގައި ހުންނަ ވޮޑެން ޖަޒީރާތަކުގެ ތެރެއިން އެއް ޖަޒީރާއެވެ. މި ޖަޒީރާ ވަނީ ނެދަލެންޑްސް އާއިދިމާއިން ބޭރު މައިކަނޑުގެ ތެރޭގައެވެ. މިހާރު މިރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 13500 މީހުންނެވެ.) ސްޕެއިން ކައިރީގައިވާ ކެނޭރީސް އައިލެންޑް ފެނުނީ ޖޫން 3 ގައެވެ. އަދި ކޭޕް ވަރޑް ޖަޒީރާތައް ފެނުނީ 12 އާއި 13 ގައެވެ. ޖުލައި 14 ގައި އެމީހުން ސިއެރާ ލިއޯންގެ އައްސޭރިފަށުގައި ތިބިއެވެ. އަދި އެތާނގައި އެމީހުންނަށް ފުރަތަމަ ފަހަރަށް ޖޯރިސް ވަން ސްޕިލްބަރގެންގެ ދެ އުޅަނދު ފެނުނެވެ. އިކުއޭޓަރު ހުރަސްކުރީ އޯގަސްޓް 24 ގައެވެ. އަދި 30 ގައި އެމީހުން އެނޯބޯން ކިޔާ ރަށުގެ އެއްގަމަށް އެރިއެވެ. މިތަނުގައި ފަރަންސޭސީންނަށް ޕޯޗުގީޒުންނާއި އެމީހުންގެ ނީގްރޯ އަޅުންގެ ފަރާތުން ލިބުނީ ޣައްދާރު މުޢާމަލާތެކެވެ.
ނޯޓް: ކޭޕް ވާރޑް ނުވަތަ ކަބޯ ވާޑް، ރަސްމީ ނަމުންނަމަ ކަބޯ ވަޑެ ޖުމްހޫރިއްޔާ، އަކީ ހުޅަނގު އެފްރިކާގެ މެދު އެޓްލާންޓިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. މި ޤައުމުގައި ހިމެނެނީ އަލިފާންފަރުބަދަތަކުން އުފެދިފައިވާ 10 ޖަޒީރާއެވެ. މި ޖަޒީރާތަކުގެ ޖުމްލަ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 4,033 އަކަކިލޯމީޓަރެވެ.
އަނޮބޯން އަކީ އިކުއެޓޯރިއަލް ގިނީގެ އެއް ޕްރޮވިންސްއެވެ. މި ޕްރޮވިންސް އެކުލެވިގެންވަނީ ގިނީ ކަނޑުގައި ހިމެނޭ އަނޮބޯން ރަށާއި އެ ރަށާ ގުޅިފައިވާ ކުދި ޖަޒީރާތަކުގެ މައްޗަށެވެ.
ދަތުރުގެ މިހާހިސާބުގައި ދިމާވި އެއްހިތާމަވެރި ހާދިޘާ އަކީ ކޯބިންގެ ލެފްޓިނަންޓް ޕެޕިން މަރުވެއްޖެއެވެ. އަދި އައު ކާބޯތަކެއްޗާއި ފެން ހޯދުމަށް ކުރެވުނު މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާވިއެވެ. ކޯބިން އުޅަނދު ކުރިން ސްޕިލްބަރގް ވެސް އަނޮބޯންގައި ބަނދަރުކޮށްގެން އޮތީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އަދި ބޭނުންވާ ތަކެތި ހޯދުމުގައި އޭނާއަށްވެސް ދިމާވެފައިވަނީ އެފަދަ ބޮޑެތި ދަތިތަކެކެވެ.
އެނޯބޯން ކިޔާ މި ރަށުގައި 6 ހަފްތާ ހޭދަކުރުމަށްފަހު، ފެނާއި އައު ކާނާ ހޯދުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވުމާއެކު، ފަރަންސޭސި އެޑްމިރަލް ނިންމީ ނަގިލި ނަގައި ސެއިންޓް ހެލެނާއަށް ދަތުރު ފެށުމަށެވެ. ސެއިންޓް ހެލީނާ އަކީ ހުޅަނގު އެޓްލާންޓިކް ކަނޑުގައި އޮންނަ ވޮލްކޭނިކް އަދި ހޫނު ސަރަޙައްދުގެ ޖަޒީރާއެކެވެ. މި ރަށް އޮންނަނީ އެފްރިކާގެ މައި އެއްގަމުން 1,874 ކިލޯމީޓަރު (1,165 މޭލު) ހުޅަނގަށެވެ. ޖިއޮގްރަފީގެ ގޮތުން ބަލާއިރު، މި ރަށާ އެންމެ ކައިރީގައި އޮންނަނީ އެންގޯލާ އާއި ނަމީބިއާއެވެ.
ސެއިންޓް ހެލީނާއަށް ވާސިލުވީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އެތާނގައި ހޭދަކުރެވުނު 9 ދުވަސްވެގެންދިޔައީ ބަލިމީހުންނަށް، ޚާއްޞަކޮށް ސްކާވީ ޖެހިފައިވާ މީހުންނަށް ވަރަށް ބޮޑަށް ފައިދާކުރި ދުވަސްތަކަކަށެވެ. (ސްކާވީ އަކީ ވިޓަމިންސީ ހަށިގަނޑުގައި މަދުވުމުން ދިމާވާ ބަލިމަޑުކަމެކެވެ. )
ދަތުރު ކުރިއަށް ގެންދެވުނީ ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. އެބްރޯލްހޯސް ފަހަނައަޅައި ދިޔައީ 3 ދުވަސް ފަހުންނެވެ. އަދި ޑިސެމްބަރު 28 ވަނަ ދުވަހު އުޅަނދުތައް ކޭޕް ވަށައިގެން ދަތުރުކޮށްފައިވެއެވެ. އެތަނުގައި އެމީހުންނަށް އަނެއްކާވެސް ސްޕިލްބަރގްގެ އުޅަނދުތަކާ ބައްދަލުވިއެވެ. އަދި އެކި ބާވަތުގެ އިޙްތިރާމްތައް ބަދަލުކުރެވުނެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި، ޑަޗް ކެޕްޓަނަށް ފްރަންސޭސި އުޅަނދުތަކުގައި ހުރި ސިފައިންގެ ޑިސިޕްލިންގެ ( އަޙްލާޤީ ގޮތުން ހުރި) ދަށްކަން އެނގުނެވެ. އަދި އެމީހުންނާއެކު ދަތުރުނުކުރުމަށް ނިންމިއެވެ.
1602 ވަނަ އަހަރުގެ ޖެނުއަރީ މަހު ދަތުރަށް ކުރިއެރުމެއް ނުލިބުނެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ބައިގައި ނަޓާލް ސަރަޙައްދުގައި ގަދަ ވައިގަނޑެއް އައިސް ކުދި ދެއުޅަނދު ގެ މައިހަލްގަނޑަށް ގެއްލުންވެ ކުނބު ވަކިވެ ހަލާކުވިއެވެ. އަދި 19 ވަނަ ދުވަހު ކޯބިން އޭކިއުނު އުޅަނދު މެޑަގަސްކަރުގެ ސެންޓް އޯގަސްޓިންސް ބޭގައި ރައްކާތެރިކަން ހޯދިއެވެ. މިތަނުގައި އެ އުޅަނދާ ކްރޮއިސަންޓް އުޅަނދު ބައްދަލުވިއެވެ. އަދި ފަހުން ގުޔޯން ލެ ފޯޓްގެ ދަށުގައިވާ ޑަޗް ވައިސް އެޑްމިރަލް ރާމްގެ އުޅަނދާވެސް ބައްދަލުވިއެވެ. މި ކެޕްޓަން އުފަންވެފައިވަނީ ހޮލެންޑުގައި ނަމަވެސް، އޭނާއަކީ ފްރާންސްގެ ވިޓްރޭގެ ރައްޔިތެއްގެ ދަރިއެކެވެ.
ސެންޓް އޮގަސްޓިންސް ބޭއަށް ފޭބުމުން އެނގުނީ އެއްގަމުގައްޔާއި ކަނޑުމަތީގައި ހުރިހާ މީހުން އެކުވެރިކަމާއެކު ރާމް ގެ އުޅަނދުގެ މީހުން ދަތުރުކޮށްފައިވާކަމެވެ. މުސައްނިފު ފާހަގަކުރައްވާ ގޮތުގައި، ފަރަންސޭސި އުޅަނދުފަހަރުގައި އޭރު ސްކަރވީ ބަލީގެ ގިނަ ބަލިމީހުން ތިބިއިރު، ރާމް އުޅަނދުގައި އެއްވެސް މީހަކު ބަލިވެފައި ނެތްކަމީ ރަނގަޅު ނަސީބެއް ނުވަތަ ރަނގަޅު އާލާތްތަކާއި ޑިސިޕްލިންގެ ( އަޚްލާޤެއްގެ ) ނިޝާނެކެވެ. ތިން އުޅަނދަށްވެސް ވަރަށް ބޮޑެތި މަރާމާތުތައް ކުރަން ޖެހުނެވެ. ފަރަންސޭސީން ސެންޓް އޯގަސްޓިންސް ބޭގައި 19 ފެބްރުއަރީން 15 މެއި އަށް މަޑުކުރިއެވެ. މި މުއްދަތުގެ ތެރޭގައި 6 ނެވިން، އުފާވެރިކަމުގެ ތެރޭގައި ދިރިއުޅެން ބޭނުންވެގެން، ފަރަންސޭސީންގެ ކޭމްޕް ދޫކޮށް، ރަށުތެރެއަށް ވަދެ، ރަށުގެ މީހުންގެ ތެރޭގައި ހިމާޔަތް ހޯދަން ދިޔައެވެ. އެމީހުންގެ ހިތްވަރު ގެއްލިފައިވަނީ އެމީހުން ދާދިފަހުން ސަލާމަތްވި ވައުބޯރާއާއި، އަދި ބަލިމީހުން އިތުރުވަމުންދާތީއެވެ. ”ހަރުކަށި ވޭނުން އެއްކޮށް ހަލާކުވެފައިވާ“ އެމީހުން ހިތަށް އަރަމުންދާނެ ސުޢޫރު ތަކަކީ “ ހަމަކަށަވަރުން، ނިދުމަކީ މަސައްކަތަށްވުރެ މީރު އެއްޗެކެވެ، އެއްގަމަކީ ކަނޑުގެ މެދުތެރޭގައި ވައިގަދަވެ، ރާޅުއަރައި، ދަނޑިއަޅައިގެން މަސައްކަތްކުރުމަށްވުރެ ހެޔޮ ތަނެކެވެ.“
ނަމަވެސް، ކޭމްޕް ދޫކޮށް ދިޔަ 6 ނެވިން ރަށުތެރެއަށް ނުގޮސް ޖަންގަލީގެ ތެރޭގައި ހޭދަކުރި މަދު ދުވަސްތަކެއްގެ ތެރޭގައި އެމީހުންގެ އުންމީދުތައް ފުނޑުފުނޑުވެގެން ދިޔައެވެ. ރަށުގެ މީހުން އެމީހުން ބަލައިގަތުމަށް އެއްވެސް ޝައުޤުވެރިކަމެއް ނުދެއްކިއެވެ. އަދި އެންމެ ފަހުން، ކާނާއާއި ފެން ނުލިބުމުގެ ސަބަބުން ބާރު ކެނޑި، ހިތާމައާއެކު އެމީހުންގެ އެކުވެރިންގެ ގާތަށް ( ފަރަންސޭސިންގެ ކޭމްޕަށް) އެނބުރި ދިޔައެވެ. މި މުއްދަތުގެ ތެރޭގައި ބަލިމަޑުކަމާއި މަރު އުޅަނދުގެ ފަޅުވެރިންގެ މެދުގައި ނުރައްކާތެރި ގޮތެއްގައި ފެތުރިގެން ދިޔައެވެ. އަދި ބޭނުންވާ މިންވަރަށް މީހުން ހަމަކުރުމަށްޓަކައި، ރަށުގެ މީހުން ވަގަށްނެގުމުގެ ރޭވުމަކަށް ވިސްނުނެވެ. މިކަން ކާމިޔާބު ނުވެ، އިތުރަށް މުޢާމަލާތްކުރުން މުސްތަޙީލުވުމާއެކު، އުޅަނދުތަކަށް މަޖުބޫރުވީ އެމީހުންގެ ދަތުރު ކުރިއަށް ގެންދިއުމަށެވެ.
ބަލިމަޑުކަމާއި މަރުގެ ސަބަބުން ފަޅުވެރިންގެ ޙާލަތު އިންތިހާ އަށް ވަނީ ގޯސްވެފައެވެ. ދިރިހުރުމާއި މެދު އުއްމީދު ގެއްލި މާޔޫސްކަމުގެ ވާހަކަތަކުން ބައެއް ފަޅުވެރިން ވާހަކަ ދައްކާއުޅުމުގެ ސަބަބުން އިތުރަށް މައްސަލް ގޯސްވަމުންގޮސްފައެވެ.
އިންޑިއާ ކަނޑު ހުރަސްކުރުމުގެ ކުރިން އެހެން ރައްކާތެރި ބަނދަރަކަށް ދަތުރުކުރުމަށް އެމީހުން ނިންމިއެވެ. މެއި މަހުގެ 11 ވަނަ ދުވަހު ސެއިންޓް އޯގަސްޓިންސް ބޭއިން ފުރައިގެން، 23 ވަނަ ދުވަހު ކޮމޮރޯސްގެ މަލައިލީ އަށް އެމީހުންގެ އުޅަނދުތައް ވާސިލްވިއެވެ. މިތަނުގައި 15 ދުވަހު ހޭދަކުރުމުގެ ސަބަބުން އެމީހުންގެ ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުވެ، ސްކާވީގެ ބަލި ގާތްގަނޑަކަށް ފިލައިގެން ދިޔައެވެ.
މިހާރު އެމީހުން މައި ކަނޑު ހުރަސްކުރަން ފެށީއެވެ. މިގޮތުން ޖޫން މަހުގެ 21 ވަނަ ދުވަހު އިކުއޭޓަރު ހުރަސްކުރިއެވެ. ޖުލައި މަހުގެ 1 ވަނަ ދުވަހު ބައެއް ރަށްތަކާއި ފަރުތައް ފެނުނެވެ. ކްރޮއިސަންޓް އުޅަނދުގެ ޑަޗް ނެވިންނަށް ހީވީ އެއީ ޑިއެގޯ ޑެ ރޯއިސްގެ ރަށްތައް ކަމަށެވެ. އެއީ އެދުވަސްވަރުގެ ޗާޓުތަކުގައި އިކުއޭޓަރާ ގާތްގަނޑަކަށް 70 ޑިގްރީ އިރުމަތީގައި އޮންނަ ކަމަށް ދައްކާފައިވާ ރަށްތަކެކެވެ. އެހެންނަމަވެސް ކޯބިން އުޅަނދުގެ އިނގިރޭސި މީހާ އަށް އެއީ ދިވެހިރާއްޖެކަން ރަނގަޅަށް ދެނެގަތެވެ.