ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު، އެ އަޑުއެހުން ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ވ އަތޮޅު އާރާ ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ދައުވާ އާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ ހުކުމްތައް މި އަހަރު ހައި ކޯޓުން ވަނީ ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފަ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު ހޯމަ ދުވަހުގެ އަޑުއެހުން ލައިވް ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އަޑުއެހުންތައް ލައިވް ކުރަން ނިންމީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީން އެކަން އިސްތިއުނާފު ކުރުމުންނެވެ.
އާރާ މައްސަލައިގެ އިތުރުން ރ އަތޮޅު ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ޔާމީންގެ މައްޗަށް އުފުލާފައިވެ އެވެ. އެ ދެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންދަނީ ވަކިންނެވެ.