ޓެލެގްރާމް އެޕް މެދުވެރިކޮށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކަން އުޅުނު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ޓެލެގްރާމްގެ ގިނަ ޗެނަލްތަކެއް މެދުވެރިކޮށް ދިވެހީންނާއި ބިދޭސީންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެ ހައްޔަރު ކުރުމަށް އެ މީހުންގެ ސައިބާ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި ކުށުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންނަކީ؛
– ޒުބައިރު އަލީ(45އ) އާއި ބަހާރުގޭ، އަލިފް ދ. މަހިބަދޫ
– ނާސިފް އަލީ، 46، މާލެ ރަޖިސްޓްރީ ނަންބަރު 14751، މާލެ
– ކ. ކާށިދޫ، ސިލިންކޯ، އިސްމާއިލް ރަބީހު،29،
ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޒުބައިރު ކޯޓަށް ހަތަރު ފަހަރެއްގެ މަތިން ހުށަހަޅާފައިވާ ކަމަށެވެ. އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ނާސިފް ތިން ފަހަރެއްގެ މަތިން ކޯޓަށް ގެންގޮސްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ޒުބައިރު އާއި ނާސިފް ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ރަބީހު ހައްޔަރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރުމާ އެކު އެ މައްސަލައާ ގުޅުން ހުރި 14 ޑިޖިޓަލް އިލެކްޓްރޯނިކް ޑިވައިސް އަތުލައިގަނެ ތަހުގީގު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެ މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ ނުވަ އެކައުންޓެއް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.
މީގެ އިތުރުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
”މި ޗެނަލްތަކުން ދިވެހި އަންހެނުންގެ 241،651 ބަރަހަނާ ފޮޓޯ އާއި 86،618 ބަރަހަނާ ވީޑިއޯ (އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ވީޑިއޯ ވެސް ހިމެނޭ) ޕޯސްޓްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ،“ ފުލުހުން ބުންޏެވެ.
ޓެލެގްރާމްގެ 43 ޗެނަލަކުން ކުޑަކުދިންގެ ޕޯނޯގްރަފިކް ފޮޓޯތަކާއި ވީޑިއޯތައް ޕޯސްޓްކުރާކަން ތަހުގީގަށް އެނގުނެވެ.
އެ ޗެނަލްތަކުގައި ޕޭޑް ސަބްސްކްރައިބަރުންގެ އަދަދު 3،468 އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ދައުވާ ލިބޭ މީހުންނަށް ލިބިފައިވާ ކަމަށް އެ މީހުން ބުންޏެވެ.