ބުދަ. ޑިސެމް 25th, 2024

ސިނގިރޭޓު ފޮއްޓަކުން ފެނުނު ޑައިފޯމިނާ ގުޅިގެން މީހަކު އުމުރަށް ޖަލަށް

ފޮޓޯ: މިހާރު

ސިނގިރޭޓު ފޮއްޓެއްގެ ތެރެއިން ފެނުނު 9 ގްރާމުގެ ޑައިފޯމިނާ ގުޅިގެން މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ޑައިފޯމިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލިފައިވަނީ ޙަސަން ސިފާހު (މއ. ސިޓީވިލާ / ކ. މާލެ) ގެ މައްޗަށެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުގެ ރޭ، އެމްޑަބްލިއުއެސްސީ ކައިރިން ދުއްވަމުންދިޔަ ސައިކަލެއް ލޯގަނޑު ނެތުމުގެ ސަބަބުން ފުލުހުން މަޑުކުރުވިއެވެ. އެ ވަގުތު ސައިކަލުގެ ފަހަތުގައި އިން ސިފާހު އަތުގައި އޮތް ސިނގިރޭޓު ފޮށި އެއްލައިލުމަށްފަހު ދުއްވާގަތް ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވެއެވެ. އެ ސިނގިރޭޓު ފޮށި ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި 95 ޕެކެޓުގައި ޖުމުލަ 9.3124 ގްރާމުގެ ޑައިފޯމިން ފެނުނެވެ.

ސިފާހު މި ދަޢުވާއަށް އިންކާރުކޮށް، އެ ސިނގިރޭޓު ފޮއްޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ތަކެއްޗެއް ނޫން ކަމަށް ބުނި ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ.

ހުކުމުގައި، ސިފާހު އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތު ހުކުމުން އުނިކުރުމަށްފަހު، އޭނާ ތަންފީޛުކުރަންޖެހޭނީ 24 އަހަރާއި 11 މަސްދުވަހުގެ ޖަލު އަދަބެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *