ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު — މުރައިދޫގޭގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ކުރީގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފިއެވެ.
”އަވަސް“ އަށް ލިބިފައިވާ މަޢުލޫމާތުގެ މަތިން، ދަގަނޑޭ މި މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޖުލައި މަހުއެވެ. ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން މުރައިދޫގޭގައި ދަގަނޑޭގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި އިދާރީ ހިންގުމާއި ޕްރޮޓޮކޯލްގެ ކަންކަން ހިމެނޭ ކަމަށް ބެލެވެއެވެ.
ދަގަނޑޭއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ދަގަނޑޭ ވަނީ ރާއްޖޭގެ ކްލަބުތަކުގެ އިތުރުން މެލޭޝިއާގެ ޕީޑީއާރްއެމް އަށްވެސް ކުޅެފައެވެ.
މި މަޤާމަށް ދަގަނޑޭ އައްޔަންކޮށްފައިވާއިރު، އޭނާގެ ބޭބެ އަޙްމަދު އަޝްފާން ހުންނެވީ މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރގެ މަޤާމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ޚާއްޞަ ގެކޮޅެއް ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 2021 ގެ މެއި 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު، ސަލާމަތީ ގޮތުން އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.