އަން. ޑިސެމް 24th, 2024

ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ ޝަރީޢަތް ލައިވްކޮށް ދައްކަން ނިންމައިފި

photo: avas
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް އަލުން ހިންގުމަށް ހަމަޖެހިފައިވާއިރު، އެ ޝަރީޢަތް ލައިވްކޮށް ދެއްކުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ޔާމީންގެ ފަރާތުން އެކަމަށް އެދުމާ ގުޅިގެންނެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައި، މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް ނިންމެވީ ދެން އޮންނަ އަޑުއެހުމުން ފެށިގެން ޝަރީޢަތް ލައިވްކުރުމަށެވެ. އަދި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމަށްވެސް ނިންމެވިއެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރިން ނެރުއްވާފައިވާ އަމުރުގައި، ޔާމީނާ ދެކޮޅަށް ފަހުން ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް އަންގާފައިވީ ނަމަވެސް، މި ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޤާޟީ ނަދީމް ވިދާޅުވިގޮތުގައި، ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެ ފަރާތުންވެސް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޖަވާބު ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވެއެވެ. އަދި މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހު ބޭއްވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށްވެސް ކުރިން އިއްވާފައިވާ ޖަލު ޙުކުމް ބާޠިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ރ. ފުނަގިރި ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅޭ ވަކި މައްސަލައެއްގައިވެސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލާފައިވާކަން ފާހަގަކުރެވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *