ބުރާ. ޖުލައި 16th, 2026

ވޯލްޑް ބޭންކުން ޗައިނާއަށް ލޯނު ދިނުން ހުއްޓާލުން: އިގްތިސާދީ ގުޅުމުގެ އާ މަރުހަލާއެއް

ފޮޓޯ : އަލް ޖަޒީރާ

ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު އެއް ބާރު ކަމުގައިވާ ޗައިނާއަށް، ވޯލްޑް ބޭންކުން ދޫކުރަމުންދާ ތަރައްގީގެ ލޯނުތައް 2031 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ހުއްޓާލުމަށް އެ ބޭންކުން މިހާރު ވަނީ ރާވާފައެވެ. މި ނިންމުމަކީ ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު އެނގޭ މަސްދަރުތަކުން ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި، ވޯލްޑް ބޭންކުން ޗައިނާއަށް ލޯނު ދޫކުރުން މަޑުމަޑުން ހުއްޓާލުމަށް ނިންމީ ފާއިތުވި އަހަރުތަކުގައި ޗައިނާއަށް ދޫކުރާ ލޯނުގެ އަދަދު ނިސްބަތުން ދަށްވަމުން ދިއުމާ ގުޅިގެންނެވެ. އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިގޮތަށް ލޯނު ދޫކުރުން ކުޑަކުރަމުން ގޮސް ހުއްޓާލުމަކީ ބެއިޖިންއާއެކު މަޝްވަރާކުރެވިފައިވާ އާ ”ޕާޓްނަޝިޕް އޮނިގަނޑު“ ގައި ކަނޑައަޅާފައިވާ މުހިންމު ކަމެކެވެ. މި އޮނިގަނޑު ކުރިއަށް އޮތް ދުވަސްތަކުގައި ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނީ ވޯޓަކަށް ދިއުމަކާ ނުލައި ފާސްކުރާ ގޮތަށެވެ.

ފައިނޭންޝަލް ޓައިމްސް އިން ފުރަތަމަ ރިޕޯޓްކޮށްފައިވާ މި ބަދަލުގެ ދަށުން، މިހާރުން ފެށިގެން 2031 ވަނަ އަހަރާ ހަމައަށް ބެއިޖިންއަށް ދޫކުރާ މަލްޓިލޭޓަރަލް ބޭންކް ލޯނުތަކުގެ ޖުމްލަ އަގު ހުންނާނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގައެވެ. އަދި 2031 ވަނަ އަހަރު ހަމަވުމާއެކު މިފަދަ ލޯނުތައް ދޫކުރުން މުޅިން ނިންމާލާނެއެވެ. ވޯލްޑް ބޭންކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ޗައިނާއިން ތަރައްގީގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގައި ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް، ޗައިނާގެ މިހާރުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ދެފަރާތުގެ ގުޅުން މިހާރު އާ މަރުހަލާއަކަށް ވަންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބޭންކުގެ އެހީތެރިކަން ބޮޑަށް ބިނާވާނީ މާލީ ލޯނުތަކަށްވުރެ ބޮޑަށް ”އެޑްވައިޒަރީ އެކްސްޕާރޓައިޒް“ ނުވަތަ ފަންނީ އިރުޝާދު ދިނުމުގެ މައްޗަށެވެ.

ޗައިނާގެ އިތުރުން ޕޮލެންޑަށް ވެސް މިފަދަ ބަދަލެއް ގެނައުމަށް ވޯލްޑް ބޭންކުން ވަނީ މި މަހު ފާސްކޮށްފައެވެ. އެގައުމަށް ވެސް 2031 ވަނަ އަހަރަށް ފަހު ތަރައްގީގެ ލޯނު ދިނުން ހުއްޓާލާނެއެވެ

މި ނިންމުމުގެ ފަހަތުގައި ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވަމުންދާ ޕްރެޝަރުތައް ވެސް ހިމެނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއަށް ދޭ ލޯނުތައް މިހާރުވެސް ދަނީ ވަރަށް ބޮޑަށް ދަށަށް ދަމުންނެވެ. އެގޮތުން 2017 ވަނަ އަހަރު އަހަރަކު 2.4 ބިލިއަން ޑޮލަރު ދޫކުރި ނަމަވެސް، 2025 ވަނަ އަހަރު މި އަދަދު 750 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާގެ މިހާރުގެ އިގްތިސާދީ ބާރަށް ބަލާއިރު، އެގައުމަކީ ތަރައްގީވަމުންދާ ގައުމުތަކަށް ހާއްސަ ލޯނުތައް ބޭނުންވާ ގައުމެއް ނޫނެވެ. ޚާއްސަކޮށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، ޗައިނާއިން ވޯލްޑް ބޭންކުން ލޯނު ނަގަމުން ދިއުމަކީ އެމެރިކާގެ ސަރުކާރުގެ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވި ކަމެކެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން މި ފިޔަވަޅަކީ ”ރަނގަޅު މިސްރާބަކަށް އެޅި ފިޔަވަޅެއް“ ކަމަށް ސިފަކޮށްފައިވާއިރު، އެހެން ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން ވެސް ޗައިނާއާ މެދު މިފަދަ ސިޔާސަތުތަކެއް ގެންގުޅޭނެ ކަމަށް ވޮޝިންޓަނުން އުންމީދު ކުރެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *