ބުދަ. ސެޕްޓެ 2nd, 2026

ހިމާލަޔާސް ފަރުބަދަތަކުން ފެންނަ ބިރުވެރި މަންޒަރުތައް: އުދައެރުމުގެ ސަބަބުން ބްރިޖްތައް ފޮޅާލައި ގެތަކާއި މާރުކޭޓްތައް ފެންބޮޑުވެއްޖެ

ފޮޓޯ : އަލް ޖަޒީރާ

ހިމާލަޔާސް ފަރުބަދަމަތީގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި އުދައެރުމާއި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި މާރުކޭޓްތައް ފެނުގެ އަޑިއަށް ގޮސްފިއެވެ.

މި ހިނގާ ބުދަ ދުވަހުން ފެށިގެން ނޭޕާލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގައުމުގެ ބޮޑެތި ސަރަހައްދުތަކަށް ވަނީ ކާރިސާވެރި ފެންބޮޑުވުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ބާރުގަދަ ފެންގަނޑު ދަތުރުކުރަމުން ދިޔަ ވަގުތު ބައެއް ބްރިޖްތައް ވަނީ ބިމާ ހަމަވެ، ގިނަ އަދަދެއްގެ ގެތަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ނޭޕާލްގެ އުތުރުގެ ރަސޫއާ ޑިސްޓްރިކްޓްގެ މައެލޮންގް ސަރަހައްދުގައި ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ފުޅާދާއިރާއެއްގައި ގެއްލުންތައް ލިބުމާ ގުޅިގެން، ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމަށްޓަކައި ހެލިކޮޕްޓަރު މެދުވެރިކޮށް ވައިގެ މަގުން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އެ ވަގުތު އެ ސަރަހައްދުގެ ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ނޭޕާލްގެ މަސައްކަތްތެރިއަކު ވަނީ، ގިނަ އަދަދެއްގެ މަސައްކަތްތެރިން ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެ ސަރަހައްދު ދޫކޮށް ފިލައިގެން ދިޔަ ވަގުތުގެ ބިރުވެރި މަންޒަރުތައް ވީޑިއޯކޮށް ރެކޯޑުކޮށްފައެވެ.

އާންމުވެފައިވާ އެ ފޫޓޭޖުން ފެންނަނީ އުދައެރުމުގެ ސަބަބުން ބާރުމިނުގައި އައި ފެންގަނޑު ކުރިއަށް ދިޔަ ވަރަކަށް، މަސައްކަތްތެރިން ނުރައްކާތެރި ސަރަހައްދުން އަވަހަށް ދުރަށް ދިއުމަށްޓަކައި ހާސްކަމާއެކު ދުވަމުންދިޔަ މަންޒަރެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި މަސައްކަތްތެރިޔާ ވިވެކް ޝްރެސްތާ ބުނެފައިވަނީ، މާއެލޮންގްއަށް ފެންބޮޑުވުމުގެ ސަބަބުން އޭނާ ހުރީ ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ހާލަތެއްގައި ކަމަށާއި، އޭގެ ފަހުން އޭނާއާއި އޭނާގެ ގިނަ އަދަދެއްގެ އެކުވެރިން ސަލާމަތްކުރެވުނީ ހެލިކޮޕްޓަރެއްގެ އެހީގައި ކަމަށެވެ.

ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓިބެޓްގެ ފަރާތުން އައި މި ބާރުގަދަ ފެންގަނޑާއި އުދައެރުމުގެ އަސަރު އެ ޑިސްޓްރިކްޓުން އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ނޫވާކޮޓް ޑިސްޓްރިކްޓްގެ ޕެޓްރަވާޓީ މާކެޓް ސަރަހައްދެވެ. އެ ސަރަހައްދުގެ މާރުކޭޓުތަކަށާއި ފިހާރަތަކަށް ފެން ވަދެ ވިޔަފާރިތަކަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދަނީ ކޯރުތަކާއި ފެންގަނޑުތައް ކައިރީގައި ދިރިއުޅޭ އާންމު ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކުރަމުންނެވެ

Related Post

Leave a Reply

Your email address will not be published. Required fields are marked *