އަން. ޑިސެމް 24th, 2024

ރައީސް މުއިއްޒުގެ ސިޓީފުޅެއް ސައުދީ ވަލީއަހްދަށް ރައްދުކޮށްފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ސައުދި އަރަބިއްޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ ސިޓީފުޅެއް ސައުދި އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންއަށް ރައްދުކުރެއްވުމަށް ސައުދީ ސަރުކާރާ ހަވާލުކުރައްވައިފިއެވެ.

މި ސިޓީފުޅު ހަވާލުކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ފޮރިން މިނިސްޓަރު ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރެއްވުމަށްފަހުއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މިނިސްޓަރު މޫސާ ޒަމީރު ވަނީ މި ބައްދަލުވުމުގައި ސައުދި އަރަބިއްޔާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރު ޒަމީރު ވަނީ މި ދަތުރުފުޅުގައި ސައުދި އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި، އެތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *