ބ. ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދިނުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދުގެ ހަރަދުގައި ނިންމައިފިއެވެ.
މިކަން ”މިހާރު“ އަށް ކަށަވަރުކޮށްދެއްވަމުން ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ”ސަން ސިޔާމް ކެއާ“ ގެ ފަރާތުން ކަމަދޫގެ ރައްޔިތުންނަށް ބޭސް ފަރުވާ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އާބާދީގައި 564 މީހުން އުޅޭ ކަމަދޫއަށް މި އެހީތެރިކަން ދިނުމަށް ނިންމި ސަބަބާ ގުޅޭގޮތުން ޒަރީރު ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްރަށަށް ވެސް އެ ޖަމާއަތުގެ ފަރާތުން އެކި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
މި އެހީތެރިކަމާ ގުޅިގެން ކަމަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކައުންސިލާ އެކު ކުރި މަޝްވަރާގެ ތެރެއިން ސަން ސިޔާމް ކެއާގެ ފަރާތުން ވަނީ ކަމަދޫ ރައްޔިތުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އުސޫލެއްގެ ދަށުން ދޭން ނިންމާފައިވާ ކަމަށެވެ. އެހީ ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ފޯމާއި ލިޔެކިޔުންތައް ކައުންސިލް އިދާރާ އަށް ހުށަހެޅުމުން، އެ ރަށު ކައުންސިލުން އެ އެހީ ހޯދުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި އައު އެހީތެރިކަމުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ބޭސްފަރުވާ ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.