އަން. ޑިސެމް 24th, 2024

ގާލް ގައިޑް ހަރަކާތްތަކުން ޤައުމަށް ފައިދާކުރާނެ އަންހެން ދަރިންތަކެއް ބިނާކުރެވޭނެ: ސާޖިދާ

(Photo/President's Office)

ފަސްޓް ލޭޑީ އަދި ޗީފް ގައިޑް ސާޖިދާ އަޙްމަދު ވިދާޅުވެފައިވަނީ ގާލް ގައިޑް ހަރަކާތްތަކުން ޤައުމަށް ފައިދާކުރާނެ އަންހެން ދަރިންތަކެއް ބިނާކުރެވި، އޭގެ ސަބަބުން ޢާއިލާތަކަށާއި، މުޖުތަމަޢުއަށް އަދި މުޅި ޤައުމަށް މަންފާ ލިބޭނެ ކަމަށެވެ.

މި ވާހަކަފުޅުތައް ފަސްޓް ލޭޑީ ދެއްކެވީ ބުރާސްފަތި ދުވަހުގެ ރޭ ސަލާހުއްދީން ސްކޫލުގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ސްރީލަންކާގެ ކުރުނޭގަލާގައި ބޭއްވޭ ސެއިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕުގައި ބައިވެރިވާ ގައިޑުންނާއި، އެ ކުދިންގެ ބެލެނިވެރިންނާއި، ލީޑަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓް ލޭޑީ އިތުރަށް ފާހަގަކުރެއްވީ ގާލް ގައިޑް ހަރަކާތްތަކުގައި އިތުރު އަންހެން ދަރިވަރުން ބައިވެރިވުމުގެ މުހިންމުކަމެވެ. އަދި ސެއިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕަކީ އެކި ޤައުމުތަކުގެ ޒުވާނުން ބައިވެރިވާ ކޭމްޕަކަށްވާތީ، ދިވެހިރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް އިލްތިމާސް ކުރެއްވީ އެ ފަރާތްތަކުން ކުރާ ހުރިހާ ކަމެއްގައި ދިވެހިރާއްޖެ ފުރިހަމައަށް ތަމްސީލުކޮށް، އެ ފަރާތްތަކަކީ މުސްލިމުންނާއި ފަޚުރުވެރި ދިވެހިން ކަން ދައްކުވައިދިނުމަށެވެ.

މި ބައްދަލުވުމުގައި ފަސްޓް ލޭޑީ ވަނީ ކޭމްޕުގައި ބައިވެރިވާ ދިވެހި ޑެލިގޭޝަންގެ ލީޑަރަށް ޤައުމީ ދިދަ ހަވާލުކުރައްވާފައެވެ. ސްރީލަންކާގެ ކުރުނޭގަލާގައި ބޭއްވޭ ސެއިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕުގައި ދިވެހިރާއްޖޭގެ 38 ސްކޫލަކުން 305 ގާލް ގައިޑުންނާއި 32 އެޑަލްޓް ލީޑަރުން ބައިވެރިވާނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *