ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެމްޕޮކްސް ބަލި ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތެއްކަމުގައި އިޢުލާންކޮށްފިއެވެ. މިއީ އެފްރިކާގައި، ޚާއްޞަކޮށް ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކްގައި (ޑީއާރްސީ) އެމްޕޮކްސް ބަލި އަވަހަށް ފެތުރެމުންދާތީ އަޅާފައިވާ ފިޔަވަޅެކެވެ.
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާބެހޭ ކޮމިޓީގެ ލަފާގެ މަތިންނެވެ. މިއަހަރު ޑީއާރްސީގައި 14،000 އަށްވުރެ ގިނަ ކޭސް އަދި 524 މަރު ރިޕޯޓުކުރެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރު ޑީއާރްސީގައި ފެނުނު އަދި އަވަހަށް ފެތުރެމުންދާ ކްލޭޑް 1ބީ، ޚާއްޞަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ބާވަތް ފެތުރެމުންދަނީ މައިގަނޑު ގޮތެއްގައި ޖިންސީ ގުޅުންތަކުގެ ތެރެއިންކަމަށް ފެނެއެވެ. އަދި މިހާރު ޑީއާރްސީގެ އަވަށްޓެރި ޤައުމުތަކުގައިވެސް ފެނިފައިވެއެވެ،“ އޭނާ ވިދާޅުވިއެވެ. މިގޮތުން ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގަންޑާގެ ނަން އޭނާ ހާމަކުރެއްވިއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އެކަށީގެންވާ ވަރަށް ބަލި ދެނެގަތުމުގެ މަސައްކަތް ނުކުރެވޭތީ، މިހާރު އެނގިފައިވާ ހާލަތަކީ ”ފެންނަ ކުޑަބައި“ އެކަނި ކަމަށް ބެލެވެއެވެ. އަދި ކްލޭޑް 1ބީ ސަބްކްލޭޑްގެ ސަބަބުން ބަލި ގަދަވެ، މަރުވާ މިންވަރު އިތުރުވާކަން ފާހަގަކޮށްފައިވެއެވެ.
ޑަބްލިޔުއެޗްއޯ އިން ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމާއި، ބަލި ފެތުރޭ ގޮތް ދެނެގަތުމުގެ މުހިންމުކަމާއި، މަދު ވެކްސިންތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. މިއީ އެމްޕޮކްސްއާ ގުޅިގެން ދެވަނަ ފަހަރަށް ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރި ފަހަރެވެ. ފުރަތަމަ ފަހަރު އިޢުލާންކުރީ 2022-2023 ގައި ދުނިޔޭގައި ފެތުރުނު ބަލިމަޑުކަމާ ގުޅިގެންނެވެ.
މި ހާލަތާ ގުޅިގެން، ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ޖަމްޢިއްޔާތަކުން އެފްރިކާގައި، ޚާއްޞަކޮށް އިރުމަތީ ޑީއާރްސީގައި، ތައްޔާރީތައް އިތުރުކުރަމުންދާކަމަށް ބުނެފައިވެއެވެ. އެ ޖަމްޢިއްޔާތަކުގެ ފުޅާ ނެޓްވޯކް ބޭނުންކޮށްގެން، ވަކިން ޚާއްޞަކޮށް ވަޞީލަތްތައް މަދު ސަރަޙައްދުތަކުގައި، ބަލި ފެތުރުން ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް އެ ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.
ތަޖުރިބާކާރުން އިތުރަށް ފާހަގަކޮށްފައިވަނީ، ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމާއި، ފަރުވާ ދިނުމުގެ ވަސީލަތްތައް އިތުރުކުރުމާއި، އަދި ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވިކުރުމުގެ މުހިންމުކަމެވެ. ނަމަވެސް، ވަސީލަތްތައް މަދު ޤައުމުތަކުގައި މިކަންކަން ކުރުމަކީ ގޮންޖެހުމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމްޕޮކްސްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުވެ، ބައިނަލްއަޤްވާމީ އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރެވެއެވެ. ޑަބްލިޔުއެޗްއޯ އިން މި ހާލަތު ގާތުން ބަލަމުންދާނެކަމަށާއި، އިތުރު މަޢުލޫމާތު ލިބުމާއެކު ޢާންމުންނަށް އަންގަމުން ގެންދާނެކަމަށް ބުނެފައިވެއެވެ.