ހޯމަ. ޑިސެމް 23rd, 2024

ހުޅުމާލޭގައި އިތުރު 7 ވަރަކަށް ސުކޫލު ހަތަރު އަހަރުތެރޭ އަޅާނަން: ރައީސް

ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ހުޅުމާލޭގައި މަދުވެގެން ހަތް ސުކޫލު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ. މިއީ ދިވެހި ރައީސަކު މާލޭ ސިޓީ ކައުންސިލަށް ވަޑައިގެން ކައުންސިލަރުންނާ ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ތިން ފިޔަވަހީގައި އާބާދުވާ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ބަލާއިރު، މިހާރު ހުރި ސުކޫލުތަކާއެކު ޖުމްލަ 22 ސުކޫލު ގާއިމުކުރުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު މަސައްކަތެއްކަމާއި، އެ ސުކޫލުތައް އެޅުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި އަލަށް ގާއިމުކުރާ ކޮންމެ ސުކޫލެއްގައި 1500 އެއްހާ ކުދިންނަށް ކިޔެވޭނެ ޖާގަ ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުއަށް ބޮޑު ބަޖެޓެއް ހިނގި ނަމަވެސް، އެކަމަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު ހުޅުމާލެއިން މާލެއަށް ކުދިން ސުކޫލަށް ގެންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިތުރަށް ހުޅުމާލޭގައި ދިހަވަރަކަށް ސުކޫލު އެޅުނަސް ޓްރެފިކަށް ވަރަށް ބޮޑަށް ލުއިވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *