ބުދަ. ޖޫން 3rd, 2026

އަޟްޙާ ޢީދު ނަމާދުގެ ޖައްވުގެ ތެރެއިން ދުނިޔޭގެ ދަތުރެއް

ބަސްތަކާއި، ކުލަތަކާއި، ނަސްލުތަކުގެ ތަފާތުތައް ފަހަނައަޅައި، މުޅި އިސްލާމީ އުންމަތް މިއަދު ގުގުމާލީ އެއް އަޑަކުންނެވެ. ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހުގެ އިރުއެރުމާއެކު، ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް، ނިކަމެތި ހިތްތަކަކާއެކު މުސްލިމުން އީދު ނަމާދު އަދާކުރީ އެއްބައިވަންތަކަމުގެ މަތިވެރި ރޫޙެއްގައެވެ.

މިސްކިތްތަކާއި، ހުޅުވިފައިވާ މައިދާންތަކާއި، ދަނޑުތައް ފުރާލި ލައްކައެއްހާ މުސްލިމުންގެ މި މަންޒަރަކީ ހަމައެކަނި އިސްލާމީ ޤައުމުތަކަށް އެކަނި ޚާއްޞަ މަންޒަރެއް ނޫނެވެ. އިޓަލީ، ފްރާންސް، ޖަރުމަން، ރަޝިޔާ، ނެދަލެންޑްސް، ޔޫކްރޭން އަދި ގްރީސް ފަދަ ހުޅަނގުގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުން ވެސް ވަނީ ބޮޑެތި މަރުކަޒުތަކާއި ޕަބްލިކް ޕާކްތަކަށް އެއްވެ، ސަގާފީ ހެދުންތަކުގައި އެމީހުންގެ އައިޑެންޓިޓީ ދައްކުވައިދީފައެވެ.

ޣައްޒާ އަދި ސީރިއާ: ހިތްދަތިކަމުގެ ތެރެއިން އުއްމީދެއް

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ރައްޔިތުން އީދު ނަމާދު ކުރީ ބޮންގޮއްވުމުގެ އަޑުތަކުގެ ދަށުގައެވެ. ތަޅާލާފައިވާ މިސްކިތްތަކުގެ ގާފުނިތަކުގެ މަތީގައާއި ރެފިއުޖީ ކޭމްޕްތަކުގައި ނަމާދުކުރިއިރު، އެމީހުންގެ މަޤްޞަދަކީ ކުޑަކުދިންގެ ހިތްތަކަށް ކޮންމެވެސް މިންވަރެއްގެ އުފާވެރިކަމެއް ގެނެސްދިނުމެވެ.

ސީރިއާގައި ވެސް ދިގުދެމިގެންދާ ހަނގުރާމައާއި އިޤްތިޞާދީ ދަތިތަކާއެކު، ދިމިޝްގުގެ ތާރީޚީ އުމައްޔާ މިސްކިތަށް ގިނަ ބަޔަކު ޖަމާވިއެވެ. ރައީސް އަހުމަދު އަލް ޝަރާއީ އީދު ނަމާދު ކުރެއްވީ ހަލަބުގެ ”ޢަބްދުﷲ ބިން އައްބާސް“ މިސްކިތުގައެވެ. މިއީ އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިމިޝްގުން ބޭރު ސިޓީއެއްގައި އީދު ނަމާދު ކުރެއްވި ފުރަތަމަ ފަހަރެވެ.

އޭޝިއާގެ ބޮޑެތި ޤައުމުތައް

އީރާނުގެ ތެހެރާނާއި އެހެނިހެން ސިޓީތަކުގައި ވެސް ރޫޙާނީ މާހައުލެއްގައި އީދު ނަމާދު ކުރިއަށްދިޔައިރު، ނަމާދަށްފަހު ގިނަ ބަޔަކު ވަނީ ޤުރުބާން ކަތިލުމުގެ އަޅުކަން ފަށާފައެވެ. ޕާކިސްތާނުގެ އިސްލާމްއާބާދާއި ކަރާޗީގައި މިލިއަނަކަށްވުރެ ގިނަ މީހުން ސަގާފީ ހެދުމުގައި ނަމާދަށް ޖަމާވިއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އަލް އަޒްހަރު މިސްކިތާއި ބޮޑެތި މަގުތައް ފުރާލީ ”ސޮންގްގުކް“ ތޮއްޕާއި ”ބަޓިކް“ ގަމީސް ލައިގެން ތިބި މީހުންނެވެ. އަފްޣާނިސްތާނުގައި އިޤްތިޞާދީ ދަތިތަކާއެކު ވެސް، ކާބުލްގެ އަބްދުއްރަހްމާން މިސްކިތާއި މަޒާރު ޝަރީފްގެ ބްލޫ މިސްކިތަށް އެތައް ހާސް ބަޔަކު އެއްވެ، އީދު ނަމާދުގައި ބައިވެރިވިއެވެ.

އޮސްޓްރޭލިއާ: ދުނިޔޭގެ އެންމެ ކުރިން އީދު ބަލައިގަތުން

ޖިއޮގްރަފިކަލް ގޮތުން ދުނިޔޭގެ އެންމެ ފުރަތަމަ އީދު ނަމާދު ކުރި ބައެއްގެ ތެރޭގައި އޮސްޓްރޭލިއާގެ މުސްލިމުން ހިމެނުނެވެ. ސިޑްނީ އާއި މެލްބަންގެ ކުޅިވަރު ދަނޑުތަކަށް އެތައް ހާސް މީހުން އެއްވެ، ނަމާދަށްފަހު އާއިލީ އީދު ފެސްޓިވަލްތައް ބޭއްވިއެވެ.

މި ހުރިހާ މަންޒަރަކުން ވެސް ކަށަވަރުކޮށްދެނީ، އަޟްޙާ ޢީދުގެ މި މަތިވެރި އަޅުކަމަކީ ބޯޑަރުތައް ފަހަނައަޅައި ގޮސް، އިންސާނީ މުވާޞަލާތާއި އިޖުތިމާޢީ އެއްބައިވަންތަކަން ވަރުގަދަކޮށްދޭ ބްރިޖެއް ކަމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *