ސްޓީވަން އެސް ނައިޓްގެ މަގުބޫލު ”ސްޕާޓަކަސް“ ޔުނިވާސް އަށް ބޮޑު އެނބުރި އައުމަކަށް އުއްމީދުކޮށްގެން އުފެއްދި ”ސްޕާޓަކަސް: ހައުސް އޮފް އަޝޫރު“ އެންމެ ސީޒަނަކަށް ފަހު ކުރިއަށް ނުގެންދިއުމަށް ސްޓާޒް ނެޓްވޯކުން ނިންމައިފިއެވެ.
މި ގްލެޑިއޭޓަރ ޑްރާމާ ސީރީޒް ކެންސަލްކުރި ނަމަވެސް، މި ސީރީޒް ޕްރޮޑިއުސްކުރާ ލަޔަންސްގޭޓް ޓެލެވިޜަނުން މިހާރު ދަނީ އެހެން ޕްލެޓްފޯމްތަކެއްގައި މި ސީރީޒް ދެއްކޭތޯ މަސައްކަތް ކުރަމުން ކަމަށް މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ’ޑެޑްލައިން‘ އަށް ކިޔައިދީފައިވެއެވެ.
މި ސީކުއެލް ކެންސަލް ކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2010 ވަނަ އަހަރު ނެރުނު އަސްލު ސީރީޒަށް ލިބުނު ފަދަ ބޮޑު ތަރުހީބަކާއި ވިއުއަރޝިޕެއް މި އާ ސީރީޒަށް ނުލިބުން ހިމެނެއެވެ. މީގެ އިތުރުން، މި ސީރީޒް ބަލާ އޯޑިއަންސްގެ މިކްސް އާއި ސްޓާޒް އިން އަންހެނުންނާއި ތަފާތު ދާއިރާތައް ތަމްސީލުކުރާ އޯޑިއަންސަށް ދޭ ސަމާލުކަމާ ދެމެދު ފުށުއެރުންތަކެއް ހުރި ކަމަށް މަސްދަރުތަކުން ބުނެއެވެ. އާންމުގޮތެއްގައި ”ކަނޑިއާއި ސެންޑަލް“ ޖޯންރާގެ ފިލްމުތަކަކީ ފިރިހެނުންނާއި ދޮންމީހުންގެ މެދުގައި މަގުބޫލު އެއްޗެކެވެ. ނަމަވެސް ”ހައުސް އޮފް އަޝޫރު“ ގައި ތަފާތު ކާސްޓުންތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޓެނިކާ ޑޭވިސް ކުޅޭ ވަރުގަދަ ކަޅު ގްލެޑިއޭޓްރިކްސް ’އެކިލިއާ‘ އާއި އެލްޖީބީޓީކިޔުއައިއޭ+ ކެރެކްޓަރުން ފާހަގަކޮށްލެވެއެވެ.
ލަޔަންސްގޭޓާއި ސްޓާޒް ވަކިވުމާ ގުޅިގެން، ސްޓާޒް އިން މިހާރު ދަނީ އެ ނެޓްވޯކުގެ މާލީ މުސްތަގުބަލު ވަރުގަދަ ކުރުމަށްޓަކައި އަމިއްލަ މިލްކުވެރިކަން އޮތް އެހެން ސީރީޒްތަކަށް އިސްކަންދެމުންނެވެ. އޭގެ ތެރޭގައި ކަރޓިސް ”50 ސެންޓް“ ޖެކްސަން ޕްރޮޑިއުސްކުރާ ”ފައިޓްލޭންޑް“ އާއި ޓެކްސަސްގެ ބްލެކް ރޯޑިއޯ ދުނިޔެއަށް ބިނާކޮށް އުފައްދާ ފެމިލީ ޑްރާމާ ހިމެނެއެވެ.
”ސްޕާޓަކަސް: ހައުސް އޮފް އަޝޫރު“ ބިނާކޮށްފައިވަނީ އެލްޓަނޭޓިވް ޓައިމްލައިނެއްގެ މައްޗަށެވެ. އެއީ ”ސްޕާޓަކަސް: ވެންޖަންސް“ ގައި މަރުވި އަޝޫރު ނު މަރުވެ ސަލާމަތްވި ނަމަ ވާނެ ގޮތުގެ މައްޗަށެވެ. މި ސީރީޒްގައި އަޝޫރު އެނބުރި އަންނަނީ ކުރިން އޭނާ އަޅެއްގެ ގޮތުގައި ހުރި ލޫޑޫސްގެ ވެރިއެއްގެ ގޮތުގައެވެ.
މި ސީރީޒްގެ މުހިންމު ކާސްޓުންގެ ތެރޭގައި ނިކް އީ. ޓަރަބޭ އާއި ޓެނިކާ ޑޭވިސްގެ އިތުރުން ގްރެހަމް މެކްޓޭވިޝް، ކްލޯޑިއާ ބްލެކް، އަދި ލޫސީ ލޯލެސް ފަދަ ތަރިން ހިމެނެއެވެ. ލޫސީ ލޯލެސް ފެނިގެންދަނީ ސީރީޒްގެ ފެށުމުގައި މި އެލްޓަނޭޓިވް ޓައިމްލައިން ތައާރަފުކޮށްދޭ ބައިގައެވެ.

