ދިވެހި މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މަޝްހޫރު ލޭބަލް، ސިމްބޮލިކް ރެކޯޑްސް އިން އަލަށް ނެރުނު ލަވަ ”ވާނަމަ އިރާދާގާ“ ނެރުނުތާ 24 ގަޑިއިރުގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައި، އެންމެ ހިޓް އެއް ލަވައަށް ވެއްޖެއެވެ.
މި ލޯބީގެ ލަވަ ރިލީޒްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބުން ވަނީ 37,000 (ތިރީސް ހަތް ހާހަށް) ވުރެ ގިނަ ވިއުސް އަދި 1.1k (އެއްހާހަށް ވުރެ ގިނަ) ލައިކްސް ހޯދާފައެވެ. މިއީ މިފަހަކަށް އައިސް ދިވެހި ލަވައަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެއް ފަހަރެވެ.
މި ހިތްގައިމު ލަވަ ކިޔާފައިވަނީ ޓޯއީ (Toy) ފީޗަރިންގ ޕީ.ވީ.އެން.ޑީ.ވީ (PVNDV) އަދި ލައި (Lai) އެވެ. މި ފަންނާނުންގެ ހުނަރުވެރި އަޑާއި، ލަވައިގެ މިއުޒިކް އެކުލެވިގެން ގޮސްފައިވަނީ އަޑުއަހާލަން ފަސޭހަ، އަސަރުގަދަ ގޮތަކަށެވެ.
ދިރިއުޅުމުގެ އެކި ކުލަވަރުތަކާއި ހަގީގަތްތައް ދައްކުވައިދޭ މި ލޯބީގެ ލަވައަކީ ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައާއި ސިމްބޮލިކް ރެކޯޑްސްގެ ގިނަ ފޭނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ ލަވައެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް މިހާރު ގިނަ ބަޔަކު އަންނަނީ މި ލަވައަށް ތައުރީފުކޮށް ޝުއޫރު ފާޅުކުރަމުންނެވެ.

