ބުރާ. ޖޫން 4th, 2026

ގިނަ ފިލްމުތަކެއްގެ މަސައްކަތް އެއްފަހަރާ ކުރަންޖެހުމުން ޒެންޑާޔާ ވަރަށް ބޮޑަށް ވަރުބަލިވެއްޖެ

ނޫސްވެރިޔާ (ޒެންޑާޔާ ރިކޯލްސް ޖަގްލިން)

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޒެންޑާޔާ، އޭނާގެ ބިޒީ ތާވަލާއި ގިނަ ފިލްމުތަކެއްގެ މަސައްކަތް އެއްފަހަރާ ކުރަންޖެހުމުން ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކޮށްފިއެވެ. ގޯލްޑަން ގްލޯބް އެވޯޑް ހާސިލްކޮށްފައިވާ ކާމިޔާބު ބަތަލާ މިދުވަސްވަރު އަންނަނީ ހަތަރު ފިލްމަކާއި، ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ”ޔޫފޯރިއާ“ ސީޒަން ތިނެއްގެ މަސައްކަތް ކުރަމުންނެވެ.

ދާދިފަހުން ”އެލް“ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޒެންޑާޔާ ވަނީ ކްރިސްޓޮފަރ ނޯލަންގެ ”ދަ އޮޑިސީ“ އާއި ޑެނިސް ވިލެނިއުވްގެ ”ޑޫން: ޕާޓް ތްރީ“ އަދި އެޗްބީއޯގެ ”ޔޫފޯރިއާ“ ގެ ޕްރޮޑަކްޝަން މަސައްކަތްތައް އެއްކޮށް ކުރިއަށް ދިޔަ ގޮތް ހަނދާންކޮށްފައެވެ.

”އަހަރެން ހަނދާންވޭ ޔޫފޯރިއާގެ ސެޓްގައި ހުރިކަން. އެއީ ރެންޗެއްގައި ކުރިއަށްދިޔަ ނައިޓް ޝޫޓެއް،“ ޒެންޑާޔާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ ވަގުތަކީ އޭނާ އިންތިހާއަށް ވަރުބަލިވެފައި ހުރި ވަގުތެކެވެ. ނަމަވެސް، އެ ވަގުތުވެސް ”ޑޫން“ ފިލްމަށް ބޭނުންވާ ޗަކޮބްސާ ބަހުގެ ލައިންތައް ދަސްކުރުމާއި، ”ދަ އޮޑިސީ“ ގެ ޝޫޓިންއަށް އައިސްލޭންޑަށް ކުރަން އޮތް ދަތުރަށް ތައްޔާރުވުމުގެ ގޮތުން ލައިންތައް ލިޔެ ހިތުދަސްކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ޚާއްޞަކޮށް ކްރިސްޓޮފަރ ނޯލަން ފަދަ ބޮޑު ޑައިރެކްޓަރަކާއެކު މަސައްކަތް ކުރާއިރު، ލައިންތައް ގޯސްވުމަކީ އޭނާ އެންމެ ބިރުގަންނަ އަދި ލަދުގަންނަ ކަންތައް ކަމަށް ޒެންޑާޔާ ފާހަގަކުރިއެވެ. ”ދަ އޮޑިސީގައި އަހަރެންގެ ގިނަ ލައިންތަކެއް ނެތް ނަމަވެސް، ނޯލަން އާއެކު މަސައްކަތް ކުރާތީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހުނު،“ އޭނާ ބުންޏެވެ.

ޒެންޑާޔާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާ މިހާރު ފެންނަނީ ”ޔޫފޯރިއާ“ ގައި ރޫ ބެނެޓްގެ ރޯލުންނެވެ. މީގެ އިތުރުން ޖުލައި 17 ގައި ރިލީޒްކުރާ ”ދަ އޮޑިސީ“ އިން އެތީނާގެ ރޯލުންނާއި، ޖުލައި 31 ގައި ”ސްޕައިޑަރ މޭން: ބްރޭންޑް ނިއު ޑޭ“ އިން އެމްޖޭގެ ރޯލުން އޭނާ ފެންނާނެއެވެ. އަދި ޑިސެމްބަރު 18 ގައި ”ޑޫން: ޕާޓް ތްރީ“ ގެ ޗާނީގެ ރޯލުންވެސް އޭނާ އެނބުރި އަންނާނެއެވެ

މިދިޔަ މާޗް މަހު ވާހަކަދައްކަމުން ޒެންޑާޔާ ބުނީ، މިހާ ބިޒީ އަހަރަކަށްފަހު އޭނާ މިހާރު ހުރީ ”ކުޑަކޮށް ގެއްލިފައި“ ކަމަށެވެ. އަދި ގިނަ މަސައްކަތްތަކެއް އެއްފަހަރާ ފެނުމުން ބެލުންތެރިން ފޫހިނުވުމަށް އުންމީދުކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކުޑަ ދުވަސްކޮޅަކަށް މީޑިއާއާ ދުރަށް ޖެހިލަން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *