ހޮނި. މެއި 16th, 2026

’ޑެއާޑެވިލް: ބޯން އެގެއިން‘ ގެ އެ ކަޅު ކޮސްޓިއުމް ފަރުމާކުރި ގޮތް

ޑެއާޑެވިލް އަށް ލޯބިކުރާފރާތް ތަކަށް މިޔޮތީމުޅިން ވެސްއައު ހަބަރެކެވެ .އަދި ގިނަބަޔަކު އެކަމަށް ސުވާލުއުފައްަދަމުންއަންނައެއްކަންތަކަށް މާވެލެސް ޓޫޑިޔޯއިން ޖަވާބު ދީފިއެވެ

ކޮސްޓިއުމް ޑިޒައިނަރ އެމިލީ ގަންޝޯ ކިޔައިދޭ ގޮތުގައި، މެޓްގެ މި އާ ކަޅު ކޮސްޓިއުމަކީ އޭނާގެ އެތެރޭގައިވާ ”ޝައިތާނީ“ ސިފަ ހާމަކޮށްދިނުމަށްޓަކައި، ކޮސްޓިއުމްގައި އުނގުޅާފައިވާ ކުލަތައް ކޮޅާލައިގެން (peel) ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

މެޓް މާޑޮކް އަކީ މިހާތަނަށް ’ޑެއާޑެވިލް‘ ގެ ތަފާތު އެތައް ކޮސްޓިއުމެއްގައި ފެނިފައިވާ ކެރެކްޓާއެކެވެ. ނަމަވެސް ’ޑެއާޑެވިލް: ބޯން އެގެއިން‘ ގެ ދެވަނަ ސީޒަނުން ފެންނަ ކޮސްޓިއުމަކީ މިހާތަނަށް އޭނާ ފެންނަ އެންމެ ފުރިހަމަ ސިފަ ކަމުގައި ވެދާނެއެވެ.

މި ސީޒަނުގައި ފެންނަނީ، މޭޔަރު ވިލްސަން ފިސްކް އާއި އޭނާގެ ”އެންޓި-ވިޖިލާންޓޭ ޓާސްކް ފޯސް“ އާ ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު، މެޓް (ޗާލީ ކޮކްސް) ނިއު ޔޯކް ސިޓީގެ އަނދިރި ކަނާތަކުގައި ނިވާވެގެން އުޅޭ މަންޒަރެވެ. މީހުންނަށް ފާހަގަނުވެ އުޅުމަށްޓަކައި، އޭނާ ވަނީ ކުރިން ބޭނުންކުރި ރަތް ކޮސްޓިއުމްގައި ކަޅުކުލަ ލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މޭމަތީގައި ރަތްކުލައިގެ ”DD“ ލޯގޯ ޖަހާފައިވާ، ވަރަށް ފުރިހަމަ އަދި ސިއްރުވެރި ”ސްޓެލްތު“ ކޮސްޓިއުމެއް ވަނީ އުފެދިފައެވެ.

ޝޯރަނަރ ދާރިއޯ ސްކާޑަޕޭން ބޭނުންވީ މި ސީޒަން ފަށާއިރު މެޓްގެ އާ ސިފައެއް ދައްކާށެވެ. މިއީ ފިސްކްގެ ކިބައިން ސަލާމަތްވެ، ފިލައިގެން އުޅުމަށް އޭނާއަށް އެހީތެރިވެދޭނެ ސިފައެކެވެ. މި ކޮސްޓިއުމް ފަރުމާކުރުމުގެ ޒިންމާ އަދާކުރީ ކޮސްޓިއުމް ޑިޒައިނަރ އެމިލީ ގަންޝޯއެވެ. އޭނާ މި ކޮސްޓިއުމް ފަރުމާކުރުމުގައި އަމަލުކުރީ ކޮމިކް ފޮތްތަކުގައި ހުންނަ މެޓްގެ ކަޅު ކޮސްޓިއުމްތަކުގެ އަސްލަށެވެ.

މި ކޮސްޓިއުމްގެ އެންމެ ފާހަގަކޮށްލެވޭ ސިފައެއްގެ ގޮތުގައި ގަންޝޯ ހުށަހެޅި ޚިޔާލަކީ، ސީޒަން ކުރިއަށްދާ ވަރަކަށް ކޮސްޓިއުމްގައި ލާފައިވާ ކަޅުކުލަ ކޮޅިގެން ގޮސް، އޭގެ އަޑީގައިވާ ރަތްކުލަ ފެންނަން ފެށުމެވެ. މިއީ މެޓްގެ އެތެރޭގައިވާ ”ޑެވިލް“ ނުވަތަ ހަރުކަށި ސިފަ މަޑުމަޑުން ބޭރަށް ފާޅުވާކަން ރަމްޒުކޮށްދޭ ކަމެކެވެ.

ގަންޝޯ ބުނި ގޮތުގައި، މެޓް އަމިއްލައަށް ސްޕްރޭ ކުލަ ބޭނުންކޮށްގެން ކޮސްޓިއުމް ކަޅުކުރި ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އެ ކުލަތައް ކޮޅިގެންދާނެ ގޮތް ތަޞައްވުރު ކުރުމަކީ ވަރަށް ފޯރިގަދަ ކަމެކެވެ. ސްކްރީނުން ފެންނައިރު މިއީ މެޓް އަމިއްލައަށް ކޮށްފައިވާ އާދައިގެ ކަމެއްހެން ހީވި ނަމަވެސް، ހަގީގަތުގައި ގަންޝޯ އާއި އޭނާގެ ޓީމުން ވަނީ މި ކޮސްޓިއުމް ފަރުމާކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ”ގިނަ މީހުން ހީކުރީ ކުރީގެ ރަތް ކޮސްޓިއުމްގައި ކަޅުކުލަ ލައިގެން މިއީ ކުރެވިދާނެ ކަމެއް ކަމަށް. އެކަމަކު އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން. އަހަރެމެން ޖެހުނީ މުޅިން އަލުން މި ކޮސްޓިއުމް ތައްޔާރުކުރަން،“ އޭނާ ހިނިތުންވުމާއެކު ކިޔައިދިނެވެ.

އަދި އެންމެ އެކަށީގެންވާ ކަޅުކުލަ ހޯދުމަކީ ވެސް ގޮންޖެހުމެކެވެ. އެއީ ރަތްކުލައާ ގުޅޭ، އަދި އަލި އެޅުމުން ވަރަށް ފުރިހަމައަށް ފެންނަ ކުލައަކަށް ވާންޖެހެއެވެ. އަނދިރީގައި ފިލައިގެން އުޅެވޭ ވަރަށް ކަޅުވުމާއެކު، ބެލުންތެރިންގެ ޓީވީ ސްކްރީނުން ސާފުކޮށް ފެންނަ ވަރުގެ އޮފުދާރުކަމެއް ވެސް އޭގައި ހުންނަންޖެހެއެވެ.

މި މަސައްކަތުގައި ގަންޝޯގެ ޓީމުން ދެ ކޮސްޓިއުމެއް ތައްޔާރުކުރިއެވެ. އެއީ ސީޒަންގެ ކުރީކޮޅު ފެންނަ އާ ކަޅު ކޮސްޓިއުމާއި، ސީޒަންގެ ފަހުކޮޅު ކުލަ ކޮޅިފައިވާ ގޮތަށް ފެންނަ ކޮސްޓިއުމެވެ. މި ބަދަލު އަންނަން ފަށަނީ ހަތަރުވަނަ އެޕިސޯޑުގައި ފެންނަ ބޮކްސިން މެޗަށްފަހުއެވެ

ކޮސްޓިއުމް ފަރުމާކުރުމުގައި ރީތިކަމުގެ އިތުރުން، އެކްޓަރުންނަށް ހަރަކާތްތެރިވުމަށް ފަސޭހަވުމަކީ ވެސް މުހިންމު ކަމެކެވެ. މި ކޮސްޓިއުމްތަކަކީ 3D ޕްރިންޓެޑް ސްޕެންޑެކްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެހި ކަމުން، އެއީ އައްޑަނައެއްގެ ސިފަ ޖެހިފައިވީ ނަމަވެސް ހަށިގަނޑު ގުދުކޮށް ހެދުމަށް ފުރުސަތުދޭ އެއްޗެކެވެ. ހެލްމެޓްގެ ލެންސްތަކަކީ ވެސް މަންޒަރުތަކަށް ބަލައި ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

ސީޒަން 2 ގައި އަލަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފެނުގެ އަޑީގައި ނަގަންޖެހުނު މަންޒަރުތަކެވެ. މެޓް ކޯރަކަށް ވެއްޓޭ މަންޒަރު ނަގާއިރު، ކޮސްޓިއުމަށް ވާނެ ގޮތެއް އެންމެ ކުރިން ނޭނގޭ ކަމަށް ގަންޝޯ ބުންޏެވެ. ނަމަވެސް، އޭނާގެ ފުރިހަމަ ފަރުމާކުރުމުގެ ސަބަބުން ކޮސްޓިއުމަށް މާބޮޑު ގެއްލުމެއް ނުވެ ސަލާމަތްވިއެވެ. އެކަމަކު ކޮންމެ މަންޒަރަކަށްފަހު ވެސް ކޮސްޓިއުމް ސާފުކޮށް، ކުލަ އުނގުޅައި، އާބާތުރަ ފިލުވަން ޖެހެއެވެ. ”އެއީ މެޝިނަށް ލައިގެން ދޮވެވޭނެ އެއްޗެއް ނޫން ވިއްޔާ!“ ގަންޝޯ ކިޔައިދިނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *