ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް އަމާޒުކޮށް ”ބޯހިޔާވަހިކަމުގެ ބިލް“ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޙާލަތު ދެނެގަތުމަށް ސަރވޭއެއް ހެދުމަށްވެސް ބިލުގައި ލާޒިމުކޮށްފައިވެއެވެ. މި ބިލަކީ ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

