”ވަޔަށް ޖައްވަށް ފަޒާއަށް“ ޖެހި އުންޑަތަކުން ޖަލުގެ ކުޑަގޮޅީގެ ތެރޭގައި އޮތް ހަސަން އީވާން ނަސީމް ، މ އޭޝިޔާ 19 ސެޕްޓެމްބަރ 2003 ވަނަ ދުވަހު މަރާލެވުނެވެ. އޭގެ ކުރިން ކުރެވިފައިވާ ލާއިންސާނީ އަނިޔާ އަކީ ”ތުނބުޅި“ ބަހައްޓާ މީހުން ހައްޔަރުކޮށް ސޯސް ލުމަށްފަހު ބާލާ ، އަދި ފަތިސްނަމާދުގައި ޤުނޫތު ނުކިޔާ ކޮންމެ މީހަކު ހައްޔަރު ކުރަމުން ދިއުމެވެ. އަޝަރީ އަޤީދާ އާއި ޚިލާފަށް ( މިސުރުގެ ގިނަމީހުން ތަބާވާ އަޤީދާ އަށް ނޫޅޭ ކޮންމެ މީހަކީ ) ދީނުގެ އިންތައް ފަހަނަ އަޅާދާމީހެއް ކަމަށް ބަލާ އެކަމުގެ އަދުބު އިންތިހާއަށް ދެމުން ދިއުމެވެ. މިހުރިހާ ކަމަކުން ، ކެކި އުތުރި އަރަމުން ދިޔަ އުދާސްތައް އެއްވެ ، ދިވެހިން ފަހުގެ ތާރީހެއްގައި މަގުމައްޗަށް ނުކުތީ އިވާން ނަސީމް މަރާލުމަށްފަހު މަގުމައްޗަށް ނުކުމެ އަޑު އުފުލުން ފެށުމާއި ހަމައިންނެވެ.
މަގުމައްޗަށް ރައްޔިތުން ނުކުންނަނީ ”ޕޮލިޓިކަލް ނޯޝަން“ ( ސިޔާސީ ގޮތުން ޤަބޫލު ކުރާ ޤަބޫލު ކުރުންތައް ) އެކަތިގަނޑަކަށްވެ ހެޔޮވަރުގެ ބުރަދަނެއް މިބުނާ ޤަބޫލު ކުރުމުގެ މައްޗަށް ލިބުމުންނެވެ. މިހާރު މަޑުމަޑުން އެމަންޒަރު ފެންނަން ފެށީއެވެ. އަނިޔާގެ އިހްސާސް އެކިގޮތްގޮތަށް ލިބޭކަމުގެ އަޑު މަޑުމަޑުން އެކި ދިމާއިން އިވެން ފެށީމާ އޭގެ މާނައަކީ އެއީ ސަރުކާރުން އަޅާނުލައިފިނަމަ އަނެއްކާވެސް، ރައްޔިތުންގެ ކުރިމަތިލުން ތަކާއި ސަރުކާރުން ކުރިމަތިލާން ޖެހޭނެ މަރުހަލާއެއް ފެއްޓެނީ ކަމެވެ.
މިއަދު އަހަރެމެން ރައްޔިތުން ޤަބޫލު ކުރާ އަނިޔާ އަކީ ، އެއްގޮތަކަށްވެސް ސޯސްލާފައި ތުނބުޅި ބޭލުމާއި ޤުނޫތު ނުކިޔާ މީހާ ނުވަތަ މޫނު ބުރުގާ އަޅާމީހާ ހައްޔަރު ކުރުން ފަދަ އަނިޔާއެއްނޫނެވެ. އެދުވަސްތައް ފަހަނަ އަޅާގޮސް މިއަދު އަހަރެމެން ޤަބޫލު ކުރާ އަނިޔާ މުޅިން ތަފާތުވެއްޖެއެވެ. މިއަދު އަހަރެމެން ޤަބޫލު ކުރާ އަނިޔާ އަކީ ، މީގެ ކުރިން އަހަރެމެންނަށް ލިބެމުން އައި އާސަންދަ ( ހެލްތް އިންޝުއަރެންސް ) ހަނި ކޮށްލުމާއި ، ރަށުގައި ތިބެގެން އާމްދަނީ ލިބެން އޮތް މަގު ބަންދުވުމާއި ، އަހަރެމެން ލޯބިން ހޮވަމުން ދިޔަ ކައުންސިލަރުންގެ ބާރު ކަނޑާލުމާއި، މައިސަރުކާރުގެ މުށުގެ ތެރޭގައި ރައްޔިތުމީހާ ފިތޭގޮތަށް ހެދޭ ޤަވައިދު ތަކާއި ޤާނޫނު ތަކުން ރައްޔިތު މީހާ އަށް ލިބޭ އަނިޔާއެވެ. އަތުން ނަގާ ޓެކްސް ބޮޑުވެ އަނބިދަރިންނަށް ހޭދަކުރަން އުނދަގޫވެ އަތްމަތި ދަތިވުމާއި ، އެއްވެބެންކަކުން ލޯނެއް ނުލިބި މަސައްކަތެއް ކުރުމަށް ސަރުކާރުން ދެމުން އައި ފުރުޞަތު ނުލިބުމުން ލިބެމުން ދާ އަނިޔާއެވެ.
ޑރ މުއިޒުގެ ސަރުކާރުގައި ހިއްސާވާ ، ނުވަތަ އަރިހުގައި ތިބި %70 މީހުންނަކީ އިޚްލާސްތެރިން ނޫންކަން ފެނިގެންދާނީ، މިދަންނަވާ ޕޮލިޓިކަލް ނޯޝަން އުފެދޭ ދަނޑިވަޅު ވެރިކަން ވެއްޓި އަޒުލު ކުރަން ޖެހޭހިނދުއެވެ. އެހިސާބާއި ކައިރިވާ ހިނދުއެވެ. އެއީ މިހާތަނަށް ވެރިކަންކުރަމުން އައި ހުރިހާ ވެރިކަމެއްގައި ދެކެމުން ގޮސްފައިވާ ހާލަތެކެވެ. ރިޔާސީ ނިޒާމުގެ ސިޔާސީ ބަހުރަވައިންނަމަ ”ބައިކުޅަ ރިޔާސީ ނިޒާމެއް“ އުފެދި ވެރިމީހާގެ އަތުން ވެރިކަން ބީވުމާ އަރާ ހަމަވުމެވެ. މިކަމަށް މަގު ފަހިވަމުން އަންނަނީ ސަރުކާރަށް މަޖުބޫރުވެ ރައްޔިތުންގެ ބަހުރަވައިން ”އަނިޔާ ލިބެން ފަށާ“ އަދި އިދިކޮޅު ސިޔާސީ ހަރަކާތްތެރިންގެ ޕޮލިޓިކަލް ނޯޝަން އެއްގޮތްވެ، އެއްރާގަކަށް ބަދަލަކަށް ގޮވަންފެށުމުންނެވެ. މިހާރު މިދަނީ އެދިމާ އަށެވެ. ދިވެހިން އަނެއްކާވެސް މަގުމައްޗަށް ނުކުންނާނެ ދިމާއަށެވެ.
މިގޮތަށް މުޒާހަރާތަކާއި ، އެއްވުންތައް އިތުރުވެއްޖެ ނަމަ ސަރުކާރުން ވެރިކަން ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާ އަށާއި ސަލާމަތީ ބާރުތަކަށް ކުރާ ހޭދަ އިތުރުވެ ބަޖެޓަށް ބާރުބޮޑުވުމުގެ ފުރުޞަތު އިންތިހާއަށް އެބައޮތެވެ.