އެމެރިކާއާއި އީރާނާ ދެމެދު ވެވޭނެ ކަމަށް ބެލެވޭ އެއްބަސްވުމަކަށް ހުރަސްއެޅުމަށާއި، އެކަމުގެ ސަބަބުން އިސްރާއީލަށް ކުރިމަތިވެދާނެ ސިޔާސީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އިސްރާއީލުން ފުޅާ ދާއިރާއެއްގައި މީޑިއާ އަދި ސިޔާސީ ކެމްޕޭނެއް ފަށައިފިއެވެ.
ޓެލްއަވީވްގައި ބިރުވެރިކަން އުފެދިފައިވަނީ، އެމެރިކާގެ އާ ވިސްނުމުގެ ސަބަބުން ސަރަހައްދީ ގޮތުން އިސްރާއީލަށް އޮތް ފުރުސަތުތައް ހަނިވެ، އީރާނާއި ލުބުނާނުގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތައް އަލުން ބަދަލުވެގެން ހިނގައިދާނެތީއެވެ. މި ދަނޑިވަޅަކީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އޮތް ގުޅުމުގައި ނުތަނަވަސްކަން ބޮޑުވަމުންދާ ވަގުތެކެވެ.
ހާރެޓްޒް ނޫހުން ހާމަކުރި ގޮތުގައި، އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލުގެ މަގުބޫލުކަން ދަށްވަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުން މިހާރު ފޯކަސް ކުރަނީ އެމެރިކާގެ ކޮންޒަވޭޓިވް ކްރިސްޓިއަން އާންމުންނަށެވެ. މި ކެމްޕޭނުގެ މަގުސަދަކީ ”އެންޓި-ސެމިޓިޒަމް“ ނުވަތަ ޔަހޫދީންނާ ދެކޮޅުވެރިވުމުގެ ވާހަކައިގެ ބަދަލުގައި، އީރާނާއި، ޗައިނާ އަދި ގަތަރުގެ ފަރާތުން އޮތް ނުރައްކާތަކުގެ މައްޗަށް އެމެރިކާގެ ސިޔާސީ ބަހުސްތައް އަނބުރާލުމެވެ.
މި ބަދަލުތައް އަންނަނީ ދާދިފަހުން ހިނގި ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން އީރާނާ ސީދާ ކުރިމަތިލުމަކަށް ވޮޝިންޓަން ކޮއްޕާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ސަލާމަތީ މުއައްސަސާތަކުން ގަބޫލުކުރާ ގޮތުގައި، އެމެރިކާއާއި އީރާނުގެ އެއްބަސްވުމުގެ ސަބަބުން ލުބުނާނުގައި އިސްރާއީލުން ގެންގުޅޭ އަސްކަރީ ސްޓްރެޓެޖީތައް އަލުން މުރާޖައާކުރަން މަޖުބޫރުވާނެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އިލިޔާސް ކަރަމް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ އަސްކަރީ އިސްވެރިން ބޭނުންވަނީ އެމެރިކާއާއި އީރާނުގެ އެއްބަސްވުމާ ލުބުނާނުގެ މައްސަލަ ވަކިކުރުމަށެވެ. އަސްކަރީ ގޮތުން ލިބުނު ކުރިއެރުންތައް ސިޔާސީ ފައިދާއަކަށް ބަދަލުނުވާތީ، ބައެއް ޖެނެރަލުން ދަނީ ބެއިރޫތާއެކު ވަކި އެއްބަސްވުމެއް ހެދުމަށް ބާރުއަޅަމުންނެވެ. ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ ހަރުކަށި ސަރުކާރުން ބޭނުންވަނީ ލުބުނާނުގެ ދެކުނުގައި ”ސެކިއުރިޓީ ބެލްޓް“ އެއް ދަމަހައްޓައި، ބޭނުން ކޮންމެ ވަގުތަކު ހަމަލާދިނުމުގެ މިނިވަންކަން އޮތުމަށެވެ.
ސާވޭތަކުން ދައްކާގޮތުގައި އިސްރާއީލުގެ %18 މީހުން ގަބޫލުކުރާ ގޮތުގައި އީރާނާއެކު ވެވޭ އެއްބަސްވުމަކީ އިސްރާއީލަށް ގެއްލުންހުރި އެއްބަސްވުމެކެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ދަނީ އެމެރިކާގެ ސެނެޓް މެމްބަރުން މެދުވެރިކޮށް ޓްރަމްޕަށް ނުސީދާ ޕްރެޝަރުތައް ކުރަމުންނެވެ. ނަތަންޔާހޫ ގަބޫލުކުރައްވާ ގޮތުގައި ތެހެރާނާއެކު ވެވޭ އެއްވެސް އެއްބަސްވުމަކީ ދާއިމީ އެއްޗަކަށް ނުވާނެއެވެ.
އަނެއްކޮޅުން، ތެހެރާން ޔުނިވާސިޓީގެ ޕްރޮފެސަރު ހަސަން އަހުމަދީއަން ވިދާޅުވީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އެކުލަވާލާފައިވާ ޑްރާފްޓްގައި ލުބުނާނުގެ މައްސަލަވެސް ހިމެނޭ ކަމަށެވެ. އަދި އިސްރާއީލުން މި އެއްބަސްވުމަށް ހުރަސްއަޅަން މަސައްކަތްކުރާނަމަ، އޭގެ ނަތީޖާ ގޯސްވެދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މި ހުރިހާ ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އިސްރާއީލު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެމެރިކާއާ އޮންނަ ގުޅުން މުޅިން ގޯސްނުކޮށް، އެގައުމުގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވައިގެން އީރާނުގެ ނުރައްކަލުން ސަލާމަތްވުމަށެވެ.

