ބުދަ. ޖޫން 3rd, 2026

އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމަށްފަހު މާލީގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލައިފި

ނޫސްވެރިޔާ

މާލީގެ އަސްކަރީ ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ހައްޔަރުކުރަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ސިފައިންގެ ދެ ބަޣާވާތެއް މެދުވެރިކޮށް ވެރިކަމަށް ވަޑައިގަތް އާސިމީ ގޮއިތާ ވަނީ ސިޔާސީ ޕާޓީތައް އުވާލުމަށް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ވިދާޅުވެ އެކަން ދިފާއުކުރައްވާފައެވެ. މި ނިންމުން އައީ ގައުމު އަލުން ޑިމޮކްރެޓިކް ވެރިކަމަކަށް ރުޖޫޢަކުރުމަށް ގޮވާލައި، މި މަހުގެ ކުރީކޮޅު ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ.

މިދިޔަ މެއި މަހުގެ 3 އަދި 4 ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ”ޑައުން ވިތު ޑިކްޓޭޓަރޝިޕް، ލޯންގް ލައިވް ޑިމޮކްރަސީ“ ފަދަ ޝިއާރުތައް ލިޔެފައިވާ ޕްލެކާޑްތަކާއެކު މަގުތަކަށް ނުކުމެފައެވެ. 2022 ވަނަ އަހަރު އިންތިޚާބު ބާއްވާނެ ކަމަށް ވައުދުވި ނަމަވެސް، އޭޕްރީލް މަހު ބޭއްވި ގައުމީ ކޮންފަރެންސެއްގައި ގޮއިތާގެ ރިޔާސީ ދައުރު 2030 އާ ހަމައަށް އިތުރުކުރުމަށް ލަފާދީފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވުމަށް ރޭވި މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން، އަސްކަރީ ސަރުކާރުން ވަނީ މުޅި ގައުމުގައި ސިޔާސީ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށް އަމުރުކޮށްފައެވެ. މި ފިޔަވަޅާއެކު އިދިކޮޅު ޖަމާއަތްތަކަށް މުޒާހަރާ ކެންސަލް ކުރަން މަޖުބޫރުވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ކޮންޓްރޯލް އިތުރަށް ވަރުގަދަކޮށްފައެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ސިޔާސީ ބައެއް އިސް ބޭފުޅުން ވަނީ ”ގެއްލުވާލާފައެވެ“. އެގޮތުން، ކޮންވަރޖެންސް ފޯ ދަ ޑިވެލޮޕްމަންޓް އޮފް މާލީ (ކޯޑެމް) ގެ ސެކްރެޓަރީ ޖެނެރަލް އައްބާ އަލްހަސާނޭ މާސްކް އަޅައިގެން ތިބި ބަޑިޖެހުންތެރިން ”ހައްޔަރުކޮށްފައިވާ“ ކަމަށާއި، ޔެލެމާ ޕާޓީގެ ލީޑަރު އެލް ބަޗިރު ތިއާމް ވެސް ވެރިރަށް ބޭރުން ނޭނގޭ ބަޔަކު އަތުލައިގަނެގެން ގެންގޮސްފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

މާލީގެ ހާލަތު ގޯސްވަމުން ގޮސްފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އައިއެސް އަދި އަލްގައިދާއާ ގުޅުންހުރި ޖަމާއަތްތަކުގެ ހަމަލާތައް އިތުރުވަމުން ދަނިކޮށް އަސްކަރިއްޔާއިން ވެރިކަން އަތުލައިގަތީ އިންތިހާބީ ސަރުކާރަށް ސަލާމަތީ ކަންކަން ބަލަހައްޓަން ނޭނގޭ ކަމަށް ބުނެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެޗްއާރުޑަބްލިއު އިން ހާމަކުރި ގޮތުގައި، ރަޝިޔާގެ ވެގްނަރ ގްރޫޕާ ގުޅިގެން މާލީ ސިފައިން ހިންގި އޮޕަރޭޝަންތަކުގައި 32 އާންމުން މަރާލައި 100 އަށް ވުރެ ގިނަ ގެ ވަނީ އަންދާލާފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *