ހޮނި. ސެޕްޓެ 5th, 2026
ނޫސްވެރިޔާ.ކޮމް

ހަވީރުގެ ހަމަހިމޭން ވަގުތެވެ. އެ ހަމަހިމޭން ކަމުގެ ޖައްވުގައި އެތަކެއް ބަޔަކު އުފާ ކުރަމުން ގެންދެއެވެ. ނަމަވެސް އެ އުފާވެރި މާހައުލުގައި ވެސް، އެހެން ބަޔަކު ހިތާމަތަކާއި ހިތްދަތިކަން އިހުސާސް ކުރަމުން ދިޔައީ ދިރިއުޅުމުގެ އެކި އިމްތިހާނުތަކުގެ ސަބަބުންނެވެ. މި ބިޔަ ބޮޑު ހަމަހިމޭން މާހައުލުގައި ފަޅުކަން ފިލުވައިދެނީ އުދުހެމުންދިޔަ ކާޅުތަކާއި އެ ނޫންވެސް އެކި ވައްތަރުގެ ދޫނިތަކުގެ އަޑުތަކުންނެވެ.

ހިތް އުފާކޮށްލުމަށްޓަކައި އެތަކެއް ޒުވާން ޖޯޑުތަކެއް މޫދު ކައިރީގައި ހިނގާލަން ނިކުމެ އުޅެއެވެ. ބައެއް އާއިލާތަކުން އެމީހުންގެ ކުދިބޮޑު އެންމެން ގޮވައިގެން، އަދި މުސްކުޅި ފުރައިގެ މީހުން ވެސް އަތިރިމަތީގެ ތާޒާ ސާފު ވައި ހޯދަމުން ގެންދެއެވެ. ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވުމުން، އިރު އޮއްސެމުން ދިޔަ އެ ހިތްގައިމު ވަގުތަކީ ގިނަ އަދަދެއްގެ މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން އަތިރިމައްޗަށް ޖަމާވެފައިވާ ގަޑިއެކެވެ.

މި މާހައުލުގައި ގޮނޑުދޮށް ކައިރީގައި ހުރި ބޮޑު ކާނި ގަހެއްގެ ބުޑުގައި ލެގިލައިގެން، ޒުވާން ފުރައިގެ އަންހެން ކުއްޖަކު އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ދިރިއުޅުމުގައި އެތަކެއް ވޭނަކާއި އުއްމީދުތަކެއް އެކުގައި ތަހައްމަލު ކުރަމުންދާ ކަމުގެ އަސަރުތަކެވެ. މާޔޫސްކަމާއި މަޑުމޮޅިކަން ފެންނަން ހުރި މި ޒީނިޔާ އިނީ ކޮންމެވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެނބިފައެވެ. އޭނާގެ އަމާން ދިރިއުޅުން ކުއްލިއަކަށް އެފުށްމިފުށަށް ޖެހިގެން ދިޔަ ހިތްދަތި ހަނދާންތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ހިތާމައިގެ ސަބަބުން ކަރުބުޑުގައި ވަނީ އެހެން ކަހަލަ ހިތި ރަހަތަކެކެވެ. ހިތަށް ލިބިފައިވާ ޒަޚަމްތަކުގެ ތަދު އޭނާއަށް ވަރަށް ފުންކޮށް އިހުސާސް ކުރެވެމުން ދިޔައެވެ.

”އަހަ… ޒީނިޔާ… ހާދަ ފިކުރު ބޮޑުވެފާ! ކޮންމެވެސް ކަމަކާ ވިސްނަނީތަ؟“ ކައިރިން އިވުނު އަޑަކަށް ޒީނިޔާ ސިއްސައިގެން ގޮސް ބަލައިލިއެވެ. އެއީ އެ ސަރަހައްދަށް އައި އުމުރުން ދުވަސްވީ ހައްވާފުޅެވެ.

ޒީނިޔާ އަވަސް އަވަހަށް ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. އަދި ހިނިތުންވެލެވޭތޯ މަސައްކަތް ކުރަމުން ނުހަނު އޯގާތެރިކަމާއެކު ޖަވާބު ދިނެވެ. ”ނޫނޭ ހައްވާތާ.. މި އިރު އޮއްސޭ މަންޒަރު ބަލާލަން އިނދެވުނީ.. ހިތްގައިމު ކަމުން…“

ހައްވާފުޅު ލޯތްބާއެކު ޒީނިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި އުފާވެރި މޫނަކާއެކު ބުނެލިއެވެ. ”ކޮއްކޯ! ބުނަންތަ ދައްތަ ރަނގަޅު ވާހަކައެއް؟ ދުނިޔެއަކީ ވަގުތީ ތަނެއް. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ އަޑު އަހަމެއްނު؟ މިއަދު ދެރައެއް ލިބުނަސް މާދަމާ އުފާވެރިކަން އަންނާނެ. ކެތްތެރިވާންވާނެ.“

ހައްވާފުޅުގެ އެ ހެޔޮ ބަސްތަކުން ޒީނިޔާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ލުޔެއް ލިބިގެން ދިޔައެވެ. އަދި ދިރިއުޅުމުގެ އުނދަގޫ ދަތުރުގައި ކެތްތެރިކަމާއެކު ކުރިއަށް ދިއުމުގެ އާ އުއްމީދެއް އޭނާގެ ހިތުގައި އާލާވެގެން ދިޔައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *