ބުދަ. ސެޕްޓެ 23rd, 2026

ޒީނިޔާ ( އެކަނިވެރި ހަޔާތް )

ނޫސްވެރިޔާ.ކޮމް

ދިވެހިރާއްޖޭގެ ހިތްގައިމު، ރީތި ރަށްތަކުގައި އެތަކެއް ރައްޔިތުންނެއް ދިރިއުޅެމުން ގެންދެއެވެ. ޤުދުރަތީ ރީތިކަމާއި، ސާފު ވަޔާއި، ތާޒާކަމުގެ ފަޚުރުވެރި ނިޢުމަތް ލިބިގަންނަމުންދާ އެތައް ބަޔަކު އެ ރަށްރަށުގައި ވެއެވެ. ގޮނޑުދޮށަށް ބީއްސާލާ މަޑުމައިތިރި ރާޅުތަކުގެ އަޑާއި، ގަސްގަހާގެހިން އިވޭ ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކުން މުޅި މާޙައުލަށް ގެނެސްދެނީ ޠަބީޢީ ރީތި މިއުޒިކެކެވެ. ޒުވާނުންނާއި، މެދުއުމުރުގެ މީހުންނާއި، ދުވަސްވީ މުސްކުޅި ފުރައިގެ އެތައް ބަޔަކު މި މާޙައުލުގައި ދިރިއުޅުމުގެ އުފާ ހާސިލުކުރަމުން ދެއެވެ.

ހަވީރުގެ ތެތްފިނި ވައިރޯޅިތަކާއެކު، އޮއްސެމުންދާ އިރުގެ ރަންދޯދިތަކުން އުޑުމަތި ޖަރީވަމުން ދިޔަ ވަގުތެވެ. އެ ރީތި މަންޒަރު ބަލައިލުމަށްޓަކައި ގިނަ ޢަދަދެއްގެ މީހުން ބަނދަރު ސަރަޙައްދަށް ޖަމާވަމުން ދިޔައެވެ. ދުވަސްވީ މީހުން ފިނިބުރެއް ޖަހާލުމުގައެވެ. މައިންބަފައިން އެމީހުންގެ ތުއްތު ދަރިން ގޮވައިގެން އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގައެވެ. އަދި ލޯބިވެރިން އެކަކު އަނެކަކުގެ އަތުގައި ހިފައިގެން އެ ހިތްގައިމު މަންޒިލުގެ ފޮނިމީރުކަން ލިބިގަންނަމުން ދިޔައެވެ.

ނަމަވެސް، މި ހުރިހާ އުފާވެރިކަމެއްގެ ތެރޭގައި ވެސް، ޒީނިޔާ އިނީ އެކަނިމާއެކަނި ބަނދަރުމަތީ ހުރި ބޮޑު ނިކަގަހެއްގެ ހިޔަލުގައި އިށީނދެގެންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް މިލާމޯޅިވެފައިވާ ކަމާއި މާޔޫސްކަމެވެ. ހިތްވަނީ ލޯތްބާއި އަޅާލުމަށް އިންތިހާއަށް އެދި ފެންބޮވައިގެންފައެވެ. އެ މާޔޫސް މޫނުމަތިން ބުނެދޭ ކަހަލައެވެ؛ ”އަހަރެންގެ ހިތުގެ މި ވޭނާއި އިޙްސާސްތައް ދަންނާނީ ފަހެ ކާކު ހެއްޔެވެ؟ އަޅާލުމާއި ލޯބީގެ އަތެއް ދިއްކޮށްލާނީ ކާކު ހެއްޔެވެ؟“

”ކޮއްކޯ! ހާދަ ދެރަވެފަ؟ ކޮން ކަމަކާ ތި ވިސްނަނީ؟“

މަޑުމައިތިރި އޯގާތެރި އަޑަކުން މެދުއުމުރުގެ އަންހެނަކު ޒީނިޔާގެ ކައިރީގައި އިށީންނަމުން އަހާލިއެވެ.

”ހައްވާތާ… ވަކި ކަމެއް ނުވޭ. މާ ބޮޑު ކަމެއް ނޫން މީކީ،“ ޒީނިޔާ ވަރަށް ކުރު އަދި ސާދާ ޖަވާބެއް ދިނެވެ. އެހެންނަމަވެސް، އެ ހިތުގައި ވަޅުލެވިފައިވަނީ ނުހަނު ވޭނީ އަދި ހިތި ތަޖުރިބާތަކެކެވެ.

ޒީނިޔާގެ ލޯކުރިމަތީގައި އޭނާގެ ލޯބިވާ މަންމަ މި ދުނިޔެއަށް އަލްވަދާޢު ކީ ދުވަހުގެ ހަނދާންތައް އަދިވެސް އެ ހިތަކުން ފިލައިގެން ނުދެއެވެ. އެއީ ހަމަ އިއްޔެ ވީ ކަމެއް ފަދައިން ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް ފާއިތުވެ ދިޔަ އެ ހިތާމަވެރި ދުވަސް އަނބުރާ ނާންނާނެކަން ޒީނިޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއްބަނޑު އެއްބަފާ އެއްވެސް މީހަކު ނެތްއިރު، ދެފަރާތުގެ ޢާއިލާ ކިތަންމެ ބޮޑު ނަމަވެސް، ޒީނިޔާއަށް ހެޔޮހިތުން އަޅާލާނެ އެކަކުވެސް ނެތެވެ. އޭނާ ދިރިއުޅެމުން ދިޔައީ ފަޅު، އެކަނިވެރި ދިރިއުޅުމެކެވެ.

”ދަރިފުޅާ! ދައްތަ ރަނގަޅު ވާހަކައެއް ބުނަންތަ؟ ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބަސް އަޑުއަހަން ދޯ. އެއްފަހަރު އުފާވެރިކަން ލިބޭއިރު، އަނެއްބައި ފަހަރު ދެރައާއި ހިތްދަތިކަން ވެސް ކުރިމަތިވާނެ. އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓާތި،“ ޒީނިޔާގެ ބުރަކަށީގައި ނުހަނު ލޯތްބާއެކު ފިރުމާލަމުން ހައްވާމަނިކެ ބުނެލިއެވެ.

ހައްވާމަނިކެއަކީ އަބަދުވެސް އެހެން މީހުންނަށް ކުޅުނާއި އޯގާތެރިކަން ދޭ، ރަށުގެ އެންމެންގެ އިޙްތިރާމް ލިބިފައިވާ މީހެކެވެ. ހދ. ނޮޅިވަރަމުގެ ގިނަ މީހުން އެއްބަސްވާ ގޮތުގައި ހައްވާމަނިކެގެ އެކުވެރިކަމާއި، ގާތްކަމަކީ މިސާލެއް ނެތް ފަދަ މާތް ސިފައެކެވެ.

ހައްވާމަނިކެގެ އޯގާތެރި ބަސްތަކުން ޒީނިޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން، އޭނާ ހައްވާމަނިކެއަށް ޝުކުރު އަދާކުރިއެވެ. މިއީ މަންމަ ނިޔާވިތާ 3 އަހަރު ފަހުން، މުޅިން ދުރުހިލޭ މީހެއްގެ ދުލުން ޒީނިޔާއަށް ”ދަރިފުޅާ“ އޭ ކިޔައި ގޮވާލި ފުރަތަމަ ފަހަރެވެ. އެ ކުޑަކުޑަ ލަފްޒުން ވެސް ޒީނިޔާގެ ހިތާމަވެރި ހިތަށް ބަޔާންކުރަން ދަތި ފިނިކަމަކާއި ތަސައްލީއެއް ލިބިގެން ދިޔައެވެ.

އެތަކެއް އިޙްސާސްތަކެއް ވަނީ ބަންޑުންކޮށްލަން ބޭނުންވެފައެވެ. ނަމަވެސް، މުޅިން ގޮތް ނޭނގޭ ބީރައްޓެހި މީހަކަށް ވާތީ، ޒީނިޔާ އެ ހުރިހާ ވާހަކަތަކެއް ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ.

***

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މުޅި ރަށް ވަނީ ފުން ނިންޖަކުން ނިދާފައެވެ. މަގުބައްތީގެ ފަނޑު އަލިކަން ނޫން އިތުރު އަލިކަމެއް މަގުމައްޗަކު ނެތެވެ. އެ އަރާމު ވަގުތުގައި، އެ ހަމަހިމޭން މާޙައުލުގައި ނުނިދި ފުރޮޅިފުރޮޅި އެއޮތީ ޒީނިޔާއެވެ. ހިތުގައި ހިނގަމުންދާ ނުތަނަވަސް ވިސްނުންތަކެއްގައެވެ. ކޮޓަރީގެ ހަތަރު ފާރު ނޫން އެއްޗެއް ޒީނިޔާއަކަށް ނުފެނެއެވެ. ސީލިންގަށް ނަޒަރު ހުއްޓައިލައިގެން އޮތް ނަމަވެސް، ޒީނިޔާގެ ޚިޔާލުތައް ދަތުރުކުރަމުން ދިޔައީ މާ ދުރަށެވެ.

ޒީނިޔާ ލޯ މަރާލާ ކޮންމެ ފަހަރަކު ފެނިގެން ދަނީ މާޒީގެ ކަޅު ހިޔަނިތަކެވެ. ލޯކުރިމަތީގައި ނިޔާވި މަންމަގެ ހަނދާންތަކެވެ. ކަންފަތުގައި ހަރުލާފައި ހުންނަނީ އެ ވޭނީ އަޑެވެ.

”ދަރިފުޅާ ޒީނިޔާ! މަންމައަށް ކަމެއް ކޮށްދޭން ވެއްޖެއެވެ.“

ޒުހުދާ (މަންމަ) އެހެން ގޮވާލުމާއެކު ޒީނިޔާ ދުވެލާފައި މަންމަގެ ކައިރިއަށް ދިޔައެވެ. ”ކީއްތޯވީ މަންމާ؟“ ޒީނިޔާ އަހާލިއެވެ.

”މަންމައަށް މަޢާފުކުރައްޗެވެ. މަންމަ ދެން މާ ގިނަ ދުވަހު ހުންނާނެ ކަމެއް ނޭނގެއެވެ. އަބަދުވެސް ދަރިފުޅު އުފަލުގައި ހުންނާތެވެ. މީހުންނާ ޒުވާބު ނުކުރާތެވެ. މިއީ މަންމަ ދޭ އެންމެ ފަހު ވަޞިއްޔަތް ކަމަށް ބަލާށެވެ،“ ފެންކަޅިވެފައިވާ ޙާލު ޒުހުދާ ބުނެލިއެވެ.

”މަންމާ…. މަންމާ އަނެއްކާ ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟“ ޒީނިޔާގެ އަޑުގައިވީ ބިރުވެރިކަމާއި ކުރަކިކަމެވެ.

ޒީނިޔާއަށް ދެން ފެނުނީ މަންމަ ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނު ތަނެވެ. އަނގަޔާއި ނޭފަތުން އޮހޮރެމުން ދިޔައީ ކަޅުކުލައިގެ ލެޔެވެ. ޒީނިޔާގެ ހިތަށް އެރިއެވެ؛ ”މިއީ އާދައިގެ ކަމެއް ނޫނެވެ.“ ގޮތް ހުސްވެފައިވާ ޒީނިޔާއަށް އިނދެވުނީ ރޯންވެސް ނޭނގި، ހައިރާންވެ އަންތަރީސްވެފައެވެ. އޭރު ޒީނިޔާގެ ޢުމުރުން އެންމެ 12 އަހަރެވެ.

ދެން ހަމަހޭވެރިކަން ވީއިރު، ޒީނިޔާ އޮތީ ހޮސްޕިޓަލުގައެވެ.

”މަންމާ!“ ފުރަތަމަވެސް ޒީނިޔާ

ގެ ދުލުން ބޭރުވީ އެ ލޯބިވާ ނަމެވެ. އެނދުން ތެދުވަން އުޅުނު ވަގުތު ކައިރީގައި ތިބި މީހުން ޒީނިޔާ ހިފެހެއްޓޭތޯ އަވަސްއަވަހަށް މަސައްކަތް ކުރިއެވެ.

”ޒީނިޔާ… ކެތްކުރޭ ދަރިފުޅާ. މަންމަ މި ދުނިޔެއަކު ނެތް. ދެންމެ އެ އައީ މަންމަގެ ކަށުނަމާދުކޮށް، ވަޅުލައި ނިންމާލާފައި،“ އެތަނުގައި ހުރި ނަރުހަކު ވަރަށް ހިތްދަތިވެފައި ބުނެލިއެވެ.

ނަމަވެސް ޒީނިޔާގެ ސިކުނޑިއަށް އެއީ ތެދެއްކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. ”ދޮގެއް ދޯ ތީ؟ ނޫން… މަގޭ މަންމަ އަހަރެން ދޫކޮށްފައެއް ނުދާނެ! އަހަރެން އެކަނިވެރިކޮށްފައެއް ނުދާނެ!“ ޒީނިޔާގެ އަޑު ފަޅައިގެން ގޮސް ބާރަށް ރޯން ފެށިއެވެ.

އެދުވަހުގެ އެ ހިތި ތަޖުރިބާއަށްފަހު، ޒީނިޔާގެ ދިރިއުޅުމުން އުފާވެރިކަން މުޅިންހެން ގެއްލިގެން ދިޔައެވެ. ބޮޑުދައިތަމެންނާއި ބޮޑުބޭބެމެން ތިބި ނަމަވެސް، ޒީނިޔާއަކީ އެމީހުންގެ ބޮލުގައި އެޅުނު ބުރައެއްގެ ގޮތުގައި މެނުވީ ނުދެކެއެވެ. ގެއިން ކާންދީ، ބޯންދިން ނަމަވެސް، ހިތަށް ބޭނުންވާ ލޯތްބާއި ކުލުނެއް އެއިން އެކަކުގެ ފަރާތުންވެސް ނުލިބުނެވެ. ކުޑަކުޑަ ކަމަކާވެސް ޒީނިޔާއާ ދިމާލަށް ބަސްބުނެ، ހިތުގައި ޖައްސައެވެ.

މި ހުރިހާ ޚިޔާލުތަކަކާއި ހަނދާންތަކެއްގެ ތެރޭގައި ފިތިބާރުވަމުން ދިޔަ ޒީނިޔާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ އޭނާ ގިސްލަމުން ދިޔައީ އެއްވެސް މީހަކަށް އެ އަޑު ނީއްވުމަށެވެ. އެކަނިވެރިކަމުގެ އަނދިރިކަމުން ސަލާމަތްވެވޭނެ ދުވަހަކަށް އެދި ހިތުގެ އަޑިން ދުޢާކުރަމުންނެވެ.

އަނެއް ދުވަހުގެ އިރު އެރީ ޒީނިޔާގެ ޙަޔާތަށް އާ އުއްމީދެއް ގެނެސްދޭނެ ފަދަ ގޮތަކަށެވެ. ހެނދުނުގެ ވަގުތުގައި މަގުމައްޗަށް ނުކުމެ ހިނގައިގަތް ވަގުތު، އަނެއްކާވެސް އޭނާއަށް ބައްދަލުވީ ހައްވާމަނިކެއާއެވެ.

”ދަރިފުޅާ ޒީނިޔާ! ކޮންތާކަށް ތި ދަނީ؟“ ހިނިތުންވުމަކާއެކު ހައްވާމަނިކެ ގޮވާލިއެވެ.

ޒީނިޔާ މަޑުޖެހިލިއެވެ. ”ދައްތާ… މިދަނީ ފިހާރައަށް.“

ހައްވާމަނިކެ ޒީނިޔާގެ އަތުގައި ހިފާލިއެވެ. ”ދަރިފުޅު ވަރަށް ވަރުބަލިވެފަ ހުރިހެން ހީވަނީ. ރޭގަ ނުނިދަންތަ؟ ހިނގާ ދައްތަގެ ގެއަށް ސައިބޯން.“

ފުރަތަމަ ފަހަރަށް ޒީނިޔާއަށް މީހެއްގެ މޫނުމަތިން ފެނުނީ އަމިއްލަ މަންމަގެ ފަރާތުން ފެންނަ ފަދަ ޙަޤީޤީ އަޅާލުމެވެ. އެ ދަޢުވަތަށް އިންކާރުކުރާކަށް ޒީނިޔާއަކަށް ނުކެރުނެވެ. ހައްވާމަނިކެގެ ފަހަތުން އޭނާ ހިނގައިގަތީ، އެ އެކަނިވެރި ޙަޔާތަށް ކުޑަނަމަވެސް އަލިކަމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ދިރިއުޅުމުގެ ބުރަ ދަތުރުގައި، ހެޔޮލަފާ އިންސާނެއްގެ އެހީތެރިކަމަކީ ކިހާ ބޮޑު ނިޢުމަތެއްކަން ޒީނިޔާއަށް އިޙްސާސްވާން ފެށީ އެހިސާބުންނެވެ.

“ ޒީނިޔާ ބަލާ މި މަންމަ ކަމަށް … ހައްވާތަ އަބަދު ވެސް ޒީނިޔާ އާއެކު އަބަދު ވެސް ވާނަން .. “ ހައްވާތަ ހިނިތުން ވެލަމުން ބުނެލިއެވެ .

ޒީނިޔާ އަށް ލިބިގެން ދިޔައީ ބުނެދޭން ވެސް ނޭންގޭ އެތަކެއް އުފާވެރި ކަމެކެވެ . މަންމަ / އެއްބަނޑު މީހެއްގެ ލޯބި ބޭނުން ވެ ވެ ހުއްޓައި ޒީނިޔާ އަށް މި ލިބުނު ހިތް ހަމަ ޖެހުމާއި އުފާވެރި ކަން ޒީނިޔާ އަށް ނުމެ އިގެއެވެ .

ޒީނިޔާ އަށް ހައްވާތަ ގައިގާ ބާރަށް ބައްދާ ލެވުނު . ރޮވެން ފެށުނު .. މިއީ ދުވަހަކު ވެސް ޒީނިޔާ އަށް ވީ ކަމެއް ނުމެ ނޫނެއެވެ . ލޮއިއްބާ އަޅާލުން ބޭނުން ވެ އެކަމަކު ނުލިބި ހުރި އެއްޗެކެވެ .

ހައްވާތަ ގެ ހެޔޮ ކަމާއި ލޮއިއްބާ އަޅާލުން ޒީނިޔާ އަށް ލިބި ލިބި ހުއްޓެއެވެ . ހެޔޮ ނަސޭހަތް ދިނުމުގަޔާއި އަދި އެ ނޫން ވެސް ކަން ކަމުގައި ހައްވާތަ ގެ އެޙީތެރިކަން ލިބެއެވެ . މިއިން ކޮންމެ ކަމެއް ވެސް ޒީނިޔާ ވަރަށް އުފަލާ އެކު ބަލައިގަނެއެވެ .

ކޮންމެ ނަމާދަކަށް ފަހު ޒީނިޔާ ﷲ ޙަޒުރަތުގައި މި ކަމަށް ޝުކުރު ދަންނަ ވާ ހާލުގައި ޒީނިޔާ ހައްވާތަ އާއި އޭނަގެ ފިރިމީހާ އަް ހެޔޮ ދުވާ ކުރުން މަތީ ތާ އަބަދު ދެމި ހުއްޓެއެވެ . ލިބިގެން ދިޔައީ 2 ވަނަ މަންމަ އާއި 2 ވަނަ ބައްޕަ އެވެ . އުފަން ނޫނަސް ޒީނިޔާ ބަލަމުން އައީ އުފަން ބައްޕަ އާއި އުފަން މަންމަ ގޮތުގައެވެ . އެހާ ވެސް ހެވެއެވެ .

ދުވަސްތައް ޒީނިޔާ ދިޔައީ އުފާވެރި ކަން މަތީގައެވެ. ޒީނިޔާ ބޭނުން ވާ ކަންތައް ހައްވާތަ އަދި ހައްވާތަ ގެ ފިރިމީޙާ ގެ ފަރާތުން ލިބިގެން ދިޔައެވެ .

Related Post

Leave a Reply

Your email address will not be published. Required fields are marked *