ހަމަހިމޭން ކަމުގެ ޖައްވެކެވެ. މުޅި ރަށް ވަނީ ގަދަ ނިންޖަކުން ނިދާފައެވެ. ފަޅު މަގުތަކުގައި ދިއްލިފައިވާ މަގުބައްތީގެ ފަނޑު އަލިކަން ނޫން އަލިކަމެއް ނެތެވެ. އަހަރުމެންގެ ލޮލަށް ނުފެންނަ ފަނިފަކުސާގެ އަޑު ނޫން އިތުރު އަޑެއް މުޅި ވެށީގައި ނުމެ އިވެއެވެ. ވައިރޯޅިއެއްވެސް ހިނގައިނުލާ މި ބިރުވެރި ހަމަހިމޭންކަމުގެ ތެރޭގައި އެންމެން އަރާމު ނިދީގައި ތިބި ނަމަވެސް، އެކަނިވެރި ހިތަކަށް އެ އަރާމެއް ނުލިބެއެވެ.
އެ ހަމަހިމޭން ޖައްވުގައި އެނދުގެ ދެފަރާތަށް ފުރޮޅިލައި ފުރޮޅިލައި އެ އޮތް ޒުވާނާ އެ އޮތީ ކޮންމެވެސް ބޮޑު ކަމަކާ ވިސްނުމެއްގައެވެ. އޭނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ. ފިކުރުތަކާއި ހާސްކަމުގެ ތެރޭގައި ޣަރަޤުވެފައިވާ އެ ޒުވާނާއަކީ ނީރާއެވެ. ދޭތެރެ ދޭތެރެއިން ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލަ ބަލާ އޭނާ އިނެވެ. ވަގުތުތައް ފާއިތުވަމުން ދިޔައީ އޭނާގެ ހިތުގެ ބިރުވެރިކަން އިތުރުކުރަމުންނެވެ.
ކުއްލިއަކަށް މުޅި ކޮޓަރި ފިނިވެގެން ދިޔަ ކަހަލަ އިހުސާސެއް ވިއެވެ. އަދި ނާމާން ގޮތަކަށް، ”ނީރާގެ ލޮލަކަށް މިރޭ ވެސް ނިދިޔަކަށް ނުދޭނަން. ތިއީ ކޮންމެ ރެޔަކު ވެސް ނީރާގެ ހާލަތަކަށް އަހަރެން ހަދާނަން!“ މިހެން ނީރާގެ ކަންފަތްދޮށުގައި ވައި އަޑަކުން މީހަކު ބުނެލި އަޑު އިވުނެވެ. އެ ބިރުވެރި އަޑާއެކު ނީރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބިރުން ފިއްކަނޑައިގެން ދިޔަ ހާލު، ނީރާ އެ އަޑަށް ކޮޓަރީގެ ކޮޅުކޮޅު މައްޗަށް ބަލަން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރި ތެރޭގައި ވަނީ ހަމައެކަނި އަނދިރިކަމާއި ފުން ހިމޭންކަމެވެ.
ނީރާއަކީ އަބަދުވެސް މައިންބަފައިންނަށާއި މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރި، މަޑުމައިތިރި އަޚްލާޤެއްގެ ވެރި އޯގާތެރި ކުއްޖެކެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި އޭނާގެ ހަޔާތް މުޅިން އެފުށްމިފުށަށް ޖެހިގެން ދިޔައީ ކޮންމެވެސް ނޭނގޭ ސަބަބަކާ ހުރެއެވެ. ސިއްރުވެރި ބަލިމަޑުކަމަކާއި، ރޭގަނޑުގެ ނާމާން އަޑުތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ އުފާވެރިކަން ވަނީ ގެއްލިފައެވެ.
އެހެން ނަމަވެސް، ކިތަންމެ ބޮޑު ހިތާމައަކާއި ބިރުވެރިކަމެއް ކުރިމަތިވި ނަމަވެސް، ނީރާގެ ހިތުގައި މާތްﷲ ގެ ރަޙްމަތާމެދު އޮތް އުއްމީދީ ހުޅުކޮޅު ނިވުނަކަ ނުދިނެވެ. އޭނާ ހިތްވަރުކޮށްފައި ތެދުވެ ވުޟޫކޮށްލައިގެން މުސައްލަމައްޗަށް އެރިއެވެ. ދަމުނަމާދުގެ ދެ ރަކުޢަތް އަދާކޮށް، ކީރިތި ޤުރުއާނުގެ އާޔަތްތަކުން ހިތަށް ފިނިކަން ހޯދަން ފެށިއެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި ރައްކާތެރިކަމަށް އެދި އޭނާ ކުރި ދުޢާއިން، އެ ހިތާމަވެރި ހިތަށް ކެތްތެރިކަމާއި އަމާންކަން ގެނެސްދިނެވެ. ކޮންމެ އަނދިރި ރެއަކަށްފަހު ފަތިހުގެ އަލިކަން ފާޅުވާނޭ ފަދައިން، އޭނާގެ ހަޔާތަށްވެސް އަލިކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެ ހިތުގައި އަނދަމުންދިޔަ އުއްމީދީ ހުޅުކޮޅުން ގެނެސްދިނެވެ.

