ދިރިއުޅުމުގެ މައިދާނަކީ އަބަދުވެސް ތަފާތު ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ތަނެކެވެ. ބައެއް ފަހަރު ކުރިމަތިވާ ހިތްދަތިކަމާއި ނާމާންކަމުގެ ސަބަބުން އިންސާނާގެ މޫނުމަތީގައިވާ ހިނިތުންވުން އެއްކޮށް ވީރާނާވެގެން ހިނގައިދާނެއެވެ. ލޯގަނޑެއް ތަޅައިގެން ހިނގައްޖެނަމަ އެ ލޯގަނޑު އަލުން ރާވައި، ކުރީގެ ސިފައަށް ގެނައުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އިންސާނާގެ ހިތާއި ދިރިއުޅުމަކީ ވެސް ހަމަ އެފަދަ ލޯގަނޑެކެވެ. މިއީ އެފަދަ ހިތްދަތި ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ވާހަކައެކެވެ.
ޔާނާއަކީ އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން ދުނިޔޭގެ ހުރިހާ ޒިންމާތަކަކާ އެކަނިމާއެކަނި ކުރިމަތިލަމުން އައި ހިތްވަރުގަދަ ޒުވާން އަންހެން ކުއްޖެކެވެ. އެ ޅަފަތުގެ އުމުރުގައި ޔާނާގެ ލޯބިވާ މައިންބަފައިން މި ދުނިޔެއާ ވަކިވެދިޔައީ ކުއްލި ގޮތަކަށެވެ. އެ ހިތާމަވެރި ހާދިސާއާ ގުޅިގެން ޔާނާގެ ކިޔެވުމަށް އެޅުނީ ބޮޑު ހުރަހެކެވެ. އަމިއްލަ ތަޢުލީމުން މަޙްރޫމްވާން ޖެހުނު ކަމުގައި ވިޔަސް، އޭނާގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮ، ހައިކަލްއަށް ކިޔަވައިދިނުމަކީ ޔާނާގެ ދިރިއުޅުމުގެ އެންމެ މުހިންމު މަޤްޞަދު ކަމުގައި ވެގެންދިޔައެވެ. ދުވާލުދާހަތަރުދަމު ބުރަ މަސައްކަތްކޮށްގެން ޔާނާ މަސައްކަތްކުރީ ކޮއްކޮއަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށެވެ.
އެއީ މާޒީއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ޔާނާ ބޮޑުވެ، ޒުވާން އަންހެނަކަށް ވިއެވެ. ހައިކަލް ވެސް ބޮޑުވެ، ސްކޫލަށް ދާން ފެށިއެވެ. ޔާނާ އޭނާގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރަމުން ދިޔައީ ކޮއްކޮގެ އުފަލަށެވެ.
އާދައިގެ މަތިން އެއްދުވަހަކު، ހައިކަލް ސްކޫލް ނިންމާލުމަށްފަހު ގެއަށް އައިސް ވަނީ ވަރަށް މާޔޫސްވެ، އިސްދަށަށް ޖަހައިގެން ހުރެއެވެ. ޔާނާ ކަންބޮޑުވެފައި ހައިކަލްގެ ގާތަށް ޖެހިލުމުން، ހައިކަލްގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އަދި މަޑުމަޑުން ބުނެލިއެވެ.
”ދޮންތީ… ސްކޫލް ކުދިން ހައިކަލްއަށް ބުލީ ކުރޭ…“
ހައިކަލްގެ އެ ޖުމްލައާއެކު، ޔާނާގެ ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ. އެތައް އަހަރެއް ވަންދެން ރައްކާތެރިކޮށްގެން ގެންގުޅުނު އެ މައުސޫމު ހިތް، މީހުންގެ ހަރުކަށި ބަސްތަކުގެ ސަބަބުން ޒަޚަމްވެ، ލޯގަނޑެއް ފަދައިން ރެނދުލައިގެން ދިޔަކަން ޔާނާއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް، ޔާނާ ހިތްވަރު އެލުވައެއް ނުލައެވެ. ކޮއްކޮގެ ގައިގައި ބައްދާލަމުން، އެ ތަޅައިގެންދިޔަ ލޯގަނޑުގެ އެތިކޮޅުތައް އަލުން އެއްކޮށް، ދިރިއުޅުމުގެ މައިދާނުގައި ކޮއްކޮއާއެކު ސާބިތުވެ ހުރުމަށް ޔާނާ އަނެއްކާވެސް ޢަޒުމް ކަނޑައެޅިއެވެ.

