ބުދަ. ޖޫން 3rd, 2026
ނޫސްވެރިޔާ

މިއީ ޚިޔާލީ ވާހަކައެކެވެ. ނަމަވެސް މި ވާހަކައިގައި ހިނގާ ހާދިސާތައް މީހަކަށް ނުވަތަ ބަޔަކަށް ދިމާވެފައިވާ ކަމަކާ ގުޅުން ހުރިނަމަ، އެކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު މާފަށް އެދެމެވެ.

ފަތިހުގެ ތެއްފިނިކަން މުޅި މާހައުލަށް ވެރިވެފައިވެއެވެ. ހަމަހިމޭންކަމަކީ އަހަރެން އަބަދުވެސް އިންތިހާއަށް ލޯބިކުރާ އެއްޗެކެވެ. ފަތިސް ނަމާދުކޮށްލައިގެން، ދުވަހުގެ މަސައްކަތްތަކަށް ނުކުތުމުގެ ކުރިން ފަތިހުގެ އެ ހަމަހިމޭންކަމުގެ ފޮނިކޮޅު ބޯލުމަކީ އަހަރެންގެ އާދައެކެވެ. މިއަދުވެސް އަހަރެންގެ މަސައްކަތަކަށްވީ އެ ތެއްފިނިކަމާއި އުފާވެރިކަން ލިބިގަތުމެވެ. އެ ވަގުތު ހިތަށް ލިބޭ ހަމަޖެހުމަކީ ބަޔާންކޮށްދޭންވެސް ނޭނގޭ ފަދަ ބުނެދޭން ނޭންގޭ އިހުސާސެކެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ދުނިޔެއަށް ދޯދިތައް ފޮނުވަމުން ދިޔައެވެ. ރަށު ތެރެއިން ކާޅާއި ކޮވެލީގެ ފޮނި އަޑުން މުޅި ފަޒާ ވަނީ ގުގުމާލާފައެވެ. މަސްވެރިކަމަށް ފުރާ ދޯނިފަހަރު މަސް އައިން ހޯދުމަށްޓަކައި ފަޅުން ބޭރުވަމުން ދިޔައިރު، ރަށުތެރެ ކުނިކަހާ އަންހެންވެރިން އެމީހުންގެ މަސައްކަތުގައި ހީވާގިކަމާއެކު އުޅެމުންދެއެވެ. އަހަރެންވެސް އޮފީހަށް ދިއުމުގެ ކުރިން ހިތްހަމަޖައްސާލުމަށްޓަކައި ރަށުގެ ހިތްގައިމު މަގުތަކުގައި ހިނގާލީމެވެ.

ކުއްލިއަކަށް އަހަރެން ލައިގެން ހުރި ޖިންސް ސޯޓުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް ބަލާލިއިރު އެއީ އަހަރެން ނުދަންނަ ނަންބަރެކެވެ.

”އައްސަލާމް އަލައިކުމް، ކޮން ބޭފުޅެއްތޯ؟“ އަހަރެން ނުހަނު އިޙްތިރާމާއެކު ސުވާލުކޮށްލީމެވެ. ނުދަންނަ ނަންބަރަކުން ގުޅުމުން ހިތުގައި ކުޑަ ސުވާލު މާކެއް އުފެދިފައި ހުރެއެވެ.

”ވައަލައިކުމުއްސަލާމް. މިއީ އަހުމަދު ހެއްޔެވެ؟“ އެކޮޅުން އިވުނީ އަންހެން ކުއްޖެއްގެ މަޑުމައިތިރި އަޑެކެވެ. އެ އަޑުގައި ވަނީ ކޮންމެވެސް ކަހަލަ ހާސްކަމެއް ނުވަތަ ނުތަނަވަސްކަމެއް ހުރި ފަދަ ގޮތެކެވެ.

”އާދެ، މިއީ އަހުމަދު. ކިހިނެއްވީތޯ؟“ އަހަރެން މަޑުކޮށްލަމުން އަހާލީމެވެ.

”އަހަރެން މިއީ މީގެ އަހަރުތަކެއް ކުރިން އަހުމަދުގެ އެންމެ ގާތް އެކުވެރިޔާ. ހަނދާން އެބަހުރިތަ؟ މިއީ ފާތުމަ،“ އެ އަޑު އިވުމާއެކު އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. މާޒީގެ އެތައް ހަނދާންތަކެއް ސިކުނޑީގައި އެނބުރެން ފެށިއެވެ. ކުޑައިރުގެ އެކުވެރިކަމާއި، ވަކިވި ހިތްދަތި ވަގުތުތައް ސިފަވާން ފެށިއެވެ.

”ފާތުން؟ ކޮބައިތަ މިހާ ދުވަހު؟ ކުއްލިއަކަށް ގުޅީމަ ވަރަށް ބޮޑަށް ހައިރާންވެއްޖެ،“ އަހަރެންގެ އަޑުގައިވެސް އުފާވެރިކަމާއެކު ހައިރާންކަން އެކުލެވިގެން ދިޔައެވެ .

”އަހުމަދު، އަހަރެން މިއަދު މިގުޅީ ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެން. އަހަރެން މިހުރީ ރަށުގައެވެ. ބައްދަލުކޮށްލެވިދާނެތަ؟“ ފާތުންގެ އެ ސުވާލާއެކު، މިއަދުގެ މި ހިތްގައިމު ފަތިސް ވަގުތު އިތުރަށް ޚާއްޞަވެގެން ދިޔައެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ މި ބައްދަލުވުމުން ކޮންމެވެސް އާ ފެށުމެއް ފެށިދާނެ ކަމަށެވެ

Related Post

Leave a Reply

Your email address will not be published. Required fields are marked *