ހޮނި. މެއި 16th, 2026

އުޑުމަތި ބަނަވެ، ކަޅުވިލާތަކުން މުޅި ފަޒާ ވަނީ ބައްދާލާފައެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވީ އެ ރޭގެ ހަމަހިމޭންކަން ފޫއަޅުވާލަނީ ކުއްލިއަކަށް ޖަހާލާ ބާރު ގުގުރުމާއި، މުޅި ދުނިޔެ އަލިކޮށްލާ ފަދަ ގަދަ ވިދުވަރުގެ އޮލިއަލިންނެވެ. ވާރޭގެ ތިކިތައް ބޯކޮށް އޮހެމުންދާއިރު، މަގުމަތީގައި އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. ނަމަވެސް، އެ ފަޅު މަގުމަތީގައި އިސްޖަހާލައިގެން ހުރީ ކައިލްއެވެ.

ކައިލްގެ ހަށިގަނޑުގައި ބޯކޮށް އޮހެމުންދިޔަ ވާރޭގެ ތިކިތައް ޖެހެމުންދިޔަ ނަމަވެސް، އޭނާއަށް އެކަމުގެ އިހުސާސެއް ނުވެއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ އޭނާގެ މާޒީއެވެ. އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ކައިލްގެ މާޒީ އެފުށް މިފުށަށް ޖެހިގެން ދިޔަ ގޮތް ހިތަށް އެރުމުން މިއަދުވެސް އޭނާގެ ލޮލުން ކަރުނަ ހިލެއެވެ. އެ ހިތްދަތި ހާދިސާތައް ހިނގާފައިވަނީ މީގެ އަހަރުތަކެއް ކުރިން ކަމަށް ވިޔަސް، މިއަދު ވެސް ކައިލްއަށް ހީވަނީ އެއީ ހަމަ މިއަދު ހިނގަމުންދާ ކަންތައްތަކެއް ހެންނެވެ.

”މާޒީއަކީ އަނބުރާ އަންނާނެ އެއްޗެއް ނޫން،“ މީހުން އެހެން ބުންޏަސް، ކައިލްއަށް އިހުސާސް ކުރެވެނީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާއަށް ހީވަނީ މާޒީގެ ކޮންމެ ހިތްދަތި ހަނދާނެއް އޭނާގެ ފަހަތުން އައިސް މިއަދުވެސް އޭނާ ވަށާލާފައިވާ ހެންނެވެ. އުޑުމަތިން ވިދުވަރެއް ބަބުޅާލާ ކޮންމެ ފަހަރަކު، ބިރުން ކައިލްގެ ލޯ މެރިގެންދެއެވެ. އެ އަލިކަމުގެ ތެރެއިން އޭނާއަށް ފެންނަނީ ބާކީވެފައިވާ އޭނާގެ ދިރިއުޅުމުގެ ސޫރައެވެ. މިއީ މިއަދު ކައިލްގެ ހަަނަފަސް ދިރިއުޅުމެވެ.

ތެމި ފޯވެގެން ގެއަށް ވަދެގެން އައި ކައިލް ފެނުމުން، ސޯފާގައި އިން އޭނާގެ މަންމަ ޒަހުރިއްޔާ ދަރިފުޅާ ދިމާއަށް ބަލާލިއެވެ. ”ދަރިފުޅާ! ހާދަހާ ލަހަކުން ތިއައީ. ތެމިގެން ތިހުރީ ކީއްވެ؟“ ކަންބޮޑުވުމާއެކު ޒަހުރިއްޔާ ސުވާލު ކުރިއެވެ. ނަމަވެސް ކައިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. މަންމަގެ މޫނަށް ބަލާލުމެއް ނެތި، ހިމޭންކަމާއެކު އޭނާ ހިނގައިގަތީ އަމިއްލަ ކޮޓަރިއާ ދިމާއަށެވެ. ކައިލްގެ އެ ހިމޭންކަމާއި މާޔޫސްކަން ފެނި، ޒަހުރިއްޔާގެ މޫނުމަތިން ފުން ހިތާމައެއް ފާޅުވެގެން ދިޔައެވެ. ދަރިފުޅުގެ ހިތުގައި އަނދަމުންދާ އަލިފާން ނިއްވާލާނެ ގޮތެއް އެ މަންމައަކަށް ނޭނގުނެވެ.

ރޭގަނޑުގެ އެ ނާމާންކަން ފާއިތުވެ، އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ދުނިޔެމައްޗަށް އަލިކަން ފަތުރާލައިފިއެވެ. ރޭގެ ބިރުވެރި ތޫފާނަށްފަހު ފެންނަނީ އުފާވެރި މާހައުލެކެވެ. ގަސްގަހާގެހީގެ ފެހިކަމާއި، ފަތިހުގެ ތާޒާ ވައިރޯޅިތަކުން މުޅި މާހައުލު ވަނީ އާރޯވެފައެވެ. ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުތަކާއި ހާލާ ކާޅުގެ އަޑުން މުޅި ފަޒާ ގުގުމާލާފައިވާއިރު، ކައިލްގެ ހިތުގައި ނިވެމުންދާ ހުޅުކޮޅަށް އާ ދިރުމެއް ލިބޭނެ ދުވަހަކަށް އޭނާގެ މަންމަ ދަނީ އިންތިޒާރު ކުރަމުންނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *