އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ކޮންމެ ލޭ ތިއްކަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މިއީ އަޅުގަނޑުމެންގެ ހަށިގަނޑަށް އެއްވެސް އަގަކާ ނުލައި ލިބިފައިވާ އެއްޗެއް ނަމަވެސް، މިއީ ފުރާނައެއް ސަލާމަތް ކުރުމުގެ ބާރު ލިބިގެންވާ އަގުބޮޑު ޖަވާހިރެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، އެހެން އިންސާނަކަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރާ ކޮންމެ ލޭ ތިއްކަކީ މަތިވެރި ސަދަޤާތެކެވެ. އެ ލޭ ތިިކީގެ ސަބަބުން މަރުގެ ތުންފަތްމަތީގައިވާ ފުރާނައެއް ސަލާމަތްވެގެން ދިއުމަކީ އެކަމުގެ ސަވާބާއި ދަރުމަ ނުހަނު ބޮޑުވެގެންވާ ކަމެކެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަށް ބަލާލާއިރު، ކޮންމެ ސިކުންތަކީ ލެޔަށް ބޭނުންވެފައިވާ މީހަކު އެހީއަކަށް އެދި ގޮވަމުންދާ ވަގުތެކެވެ. މީސްމީޑިއާގެ މަންސަތަކާއި ޚަބަރުތަކަށް ބަލާލުމުން ފެންނަނީ ”މިވެނި ގްރޫޕެއްގެ ލޭ ބޭނުންވެގެން“ ނުވަތަ ”ލޭ ހަދިޔާކުރާނެ މީހަކު ބޭނުންވެގެން“ ކުރެވޭ އާދޭސްތަކެވެ. ނަމަވެސް މިފަދަ ދަނޑިވަޅުތަކުގައި ފެނިގެންދާ ބައެއް ކަންތައްތަކަކީ ހިތާމަހުރި ކަންތައްތަކެވެ. ލެޔަކީ ހިލޭ ލިބޭ އެއްޗަކަށް ވާއިރު، ބައެއް ފަރާތްތަކުން ލޭ ވިއްކައިގެން މާލީ މަންފާ ހޯދަން އުޅޭ ވާހަކައަކީ މިއަދު މުޖުތަމައުގެ ތެރެއިން ވަރަށް ގިނައިން އަޑުއިވޭ، ހިތްދަތި ވާހަކައެކެވެ. އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަ ދޫކޮށް، މީހެއްގެ ފުރާނައަށްވުރެ ފައިސާ އިސްކުރުމަކީ މި ކުޑަ މުޖުތަމައުން ފެނިގެންވާނެ ކަމެއް ނޫނެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ލޭ ބޭނުންވަނީ ހަމައެކަނި ތެލެސީމިއާ ކުދިންނަށް ކަމަށެވެ. އެކުދިންނަކީ ދާއިމީކޮށް ލެޔަށް ބޭނުންވާ ކުދިންނަށް ވާއިރު، އެކުދިންގެ އިތުރުންވެސް ލޭގެ މުހިންމުކަން ބޮޑު އެތައް ހާލަތްތަކެއް އާދެއެވެ. ވިހެއުމުގެ ތެރޭގައި ގަދައަށް ލޭ ފޭބުމުގެ ސަބަބުން މާބަނޑު އަންހެނުންނަށާއި، ބޮޑެތި އޮޕަރޭޝަންތައް ކުރާ މީހުންނަށް ގިނަ އަދަދަކަށް ލޭ ބޭނުންވެއެވެ. މީގެ އިތުރުން، ކުއްލިއަކަށް ދިމާވާ އެކްސިޑެންޓްތަކުގައި ލޭ ހުސްވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީވެސް ލެޔެވެ. އެހެންކަމުން ލޭ ހަދިޔާކުރުމަކީ ހަމައެކަނި ވަކި ބަޔަކަށް އޮތް ކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަނެފައިވާ އަނެއް ނުބައި ވިސްނުމަކީ ލޭ ހަދިޔާކުރުމަކީ ވަކި ބަޔަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކުމެވެ. ނަމަވެސް ހަގީގަތަކީ ލޭ ހަދިޔާކުރުމަކީ ފަރުދީ ޒިންމާއެއް ކަމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކޮންމެ މީހަކީ ލޭ ހަދިޔާކުރެވޭނެ މީހެކެވެ. މިއަދު ތިބާ ހަދިޔާކުރާ ލޭ ތިއްކަކީ މާދަމާ ތިބާގެ އާއިލާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް ލިބޭނެ އާ ދިރުމަކަށް ވެދާނެއެވެ. އެހެންކަމުން، ”ކޮންމެ ލޭ ތިއްކަކީ ސަދަޤާތެއް“ ކަމަށް ބަލައިގެން، އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަން ޖެހެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭގެ ނަފާ ލިބިގެންދާނެ މަތިވެރި އަމަލެކެވެ.

