މިހާރު ބޭންކު އޮފް މޯލްޑިވްސްގެ އެކައުންޓުތަކުގައި ފައިސާ ބަހައްޓާ މިންވަރު ދަށްވެއްޖެކަމަށް ފާހަގަ ކުރެވިފައި ވާކަމަށް އެބޭންކު އާއްމު ކުރި މައުލޫމާތަކުން ހާމަ ވެއްޖެއެވެ. މިއަދު މިވަނީ ބީ އެމް އެލް އާއި މެދު ދިވެހިން އިތުބާރު ގެއްލެމުން ދާން ފަށާފައެވެ. މިދިޔަ ހަފްތާގައި ހިނގާ ދިޔަ ޙާދިޘާއަކީ އެކައުންޓު ނަންބަރ އެއްވަރުގެ ފައިސާގެ އަދަދެއް އެއް އެކައުންޓުން އަނެއް އެކައުންޓަށް “ހިއުމަން އެރާރ” އެއްގެ ސަބަބުން ނަމަވެސް ޓްރާންސްފަރ ވުމެވެ.
ބީ އެމް އެލް މިއަދު މިދަނީ އެއްގޮތަކަށް ވުރެ ގިނަ ގޮތް ގޮތުން ދިވެހިން މެދުގައި އިތުބާރު ގެއްލިފައެވެ. ކަސްޓަމަރުން ރައްކާ ކުރަން ބޭންކުގައި ބަހައްޓާފައިސާ އަނެއް ކަސްޓަމަރަށް ލޯނުގެ ގޮތުގައި ދޫކޮށް އެތައް ފައިދާއެއް ނަގަމުން ދާ ބޭންކު އޮފް މޯލްޑިވްސް މިއަދު މިވަނީ ކަސްޓަމަރުންގެ އެކައުންޓު ރައްކާތެރި ކަމާއި އެކު ބެލެހެއްޓުން ކުޑަ ބޭންކަކަށް ވެފައެވެ. ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ކޮޅު ތަފާތު ސްކޭމްތަކުގެ ނަމުގައި ވަގުން ކަހާލަމުން ދާއިރު އެކަން ވިޔަ ނުދިނުމަށް ބޭންކު ކުރަމުން ދާ ކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. ކަސްޓަމަރުން ހޭލުން ތެރި ކަން ކުޑައީ އޭ ބުނެ ނިންމާލަން ވީތޯއެވެ. ނުލާހިކު ފަސޭހަ ގޮތަކަށް ބޮޑެތި އަދަދުތައް އެއް އެކައުންޓުން އަނެއް އެކައުންޓަށް ހީލަތްތެރި ގޮތަކަށް ޓްރާންސްފާރ ކޮށްލާއިރު ބޭންކު “ތިޖޫރީގެ ތަޅު ހުންނަނީ ތަޅު ދަނޑި” ޖަހާފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އާދައިގެ މީހަކު ވިސްނާ ގޮތުން ވިއްޔާ ބޭންކަށް ފައިސާ ޖަމާ ކުރަނީ ގޭ ފޮށީގައި ހުއްޓާ ވަގުން ވަދެ ނަގާފާނެތީ ރައްކާ ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް މިއަދު ބޭންކަށް ޖަމާ ކުރާ ފައިސާ ގެއްލި އެކައުންޓު ހުސްކޮށްލައެވެ. ބޭންކަށް ހިލަމެއްވެސް ނެތި ބޮޑެތި އަދަދު ތަކުން ފައިސާ ނަގާ ހުސްކޮށްލަނީ ހިނދު ކޮޅެއްގެ ތެރޭގައެވެ. ވަގުންގެ އުދަގުލުން ސަލާމަތް ވެފައި ނެތް ދިވެހި ރާއްޖޭގައި މިވަގުތު ހުރި ޤައުމީ ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އިން އެކައުންޓްތައް ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅު ތަކެއް އެޅުން މުހިއްމު ކަމަށް ދެކެމެވެ. ކަސްޓަމަރުންގެ އެކައުންޓްތައް ހިމާޔަތް ކޮށް އެހާ ފަސޭހައިން ޓްރާންސްފަރ ނުކުރެވޭނެ ކިތަންމެ ގޮތެއް ހުންނާނެއެވެ. އެހެން ގޮތެއް ނެތިއްޔާ ބާޒާރު އަރުގޯލަ ތަޅުގެ ދިހަ ތަޅު އަޅުވައިގެން ވެސް ކަސްޓަމަރުންގެ ލާރިކޮޅު ރައްކާ ކޮށްދެން ވެއްޖެ ނޫން ތޯއެވެ. ހަމަ އެކަނި ދޫކުރާ ލޯނަށް 20-30 ޕަސެންޓުން އިންޓަރެސްޓް ނަގައިގެން ބޭންކު ހިންގި ނަމަވެސް ރައްޔިތުންނަށް ވާނެ ރަގަޅެއް ނެތެވެ. ކަސްޓަމަރުންގެ ހިތަށް ލިބޭނެ ހަމަ ޖެހުމެއް ނެތެވެ.