ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި 60 ދުވަހަށް ތިބެވޭނެ ކަމަށެވެ.
މީގެ ކުރިން އެ ގައުމަށް ދާ ދިވެހިންނަށް ލިބެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ އެކު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ތައިލެންޑް ސަރުކާރުން އިތުރު ލުއިތަކެއް ދީފައިވާ ކަމަށެވެ. މި ލުއިތަކަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވާ ހޯމަ ދުވަހުއެވެ.
މިގޮތުން ފަތުރުވެރިކަމާއި ވިޔަފާރީގެ ކަންކަމުގައި ނުވަތަ ޒަރޫރީ މަސައްކަތަކަށް/އެޑް-ހޯކް މަސައްކަތަކަށް ތައިލެންޑަށް ދާ ދިވެހިންނަށް މިހާރު ވިސާ އާ ނުލައި 60 ދުވަހަށް ތިބެވޭނެ އެވެ.
މީގެ އިތުރުން މުއްދަތު އިތުރު ކުރަން ބޭނުންވެއްޖެ ނަމަ ވިސާ ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަދި ޓްރެވަލް އިންޝުއަރެންސް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަތުރުވެރިން އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގިނަ ގައުމުތަކުން ވަނީ ވިސާއާއި އެހެނިހެން ކަންކަމުގައި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ލުއިތަކެއް ހޯދައިދީފަ އެވެ.