ހޯމަ. ޑިސެމް 23rd, 2024

ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތައް ބާޠިލުކުރުމަށް އެދި ހުށަހެޅުނު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތްފި

ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުތައް ބާޠިލުކުރުމަށް އެދި ހުށަހެޅުނު ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގަތްކަން އެ ކޯޓުން ވަނީ އިޢުލާނުކޮށްފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިނެވެ.

އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރެވުނު އިޞްލާޙުތަކަކީ ޤާނޫނުއަސާސީއާއި އޭގެ އަސާސީ އޮނިގަނޑާ ޚިލާފު އިޞްލާޙުތަކެއް ކަމަށް ދެކެވަޑައިގަންނަވާތީއެވެ. މި މައްސަލައިގައި ތަދައްޚުލުވުމަށް އިދިކޮޅު ޕާޓީތަކުން ކަމުގައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދިވެހި ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) އިން ވަނީ ހުށަހަޅާފައެވެ.

ޤާނޫނުއަސާސީއަށް ގެނެވުނު މުހިންމު އިޞްލާޙުތަކުގެ ތެރޭގައި ހިމެނެނީ:

– ސިޔާސީ ޕާޓީ ބަދަލުކުރާ މެންބަރުން މަޖިލީހުގެ ގޮނޑި ގެއްލޭނެކަން
– ޤާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭނެކަން
– އީއީޒެޑަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ވޯޓު ހޯދަންޖެހޭނެކަން
– ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމަށް މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެކަން

މި އިޞްލާޙުތައް މަޖިލީހުން ފާސްކޮށްފައިވަނީ އެންމެ ދުވަހެއްގެ ތެރޭގައި ބަހުސާއި ކޮމިޓީ މަރުޙަލާގެ މަސައްކަތްތައް ނިންމުމަށްފަހުގައެވެ. މިއީ މިހާތަނަށް ޤާނޫނުއަސާސީއަށް އެންމެ އަވަހަށް ގެނެވުނު ބަދަލުތަކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *