ހޯމަ. ޑިސެމް 23rd, 2024

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮބަހައްޓާ ބިލެއްކަމަށް ޝާހިދު ވިދާޅުވެއްޖެ

ސަން - ފޮޓޯ

މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ’މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު‘ ބިލަކީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ހުށަހެޅި ބިލެއްކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މި ބިލުގައި ވަނީ މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލައި އާ ކޮމިޝަނެއް އުފައްދައި، ވަކިވަކި ނޫސްވެރިން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ބިލެއް ހުށަހެޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ބިލުގެ ބޭނުމަކީ ވެރިންގެ ނާގާބިލުކަމާއި ފަސާދައިގެ އަމަލުތައް ފަރުދާކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ. މި ބިލުގެ ދަށުން އުފައްދާ އާ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، މިނިވަން ގާނޫނީ ޝަޚުސަކަށް ވެގެންދާނެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު އުވިގެންދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *