ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީހުން ދިރިއުޅޭ އިމާރާތްތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ ކުރިން ޑިވެލޮޕަރުންނަށް ކަސްޓަމަރުންގެ އަތުން 50،000 ރުފިޔާގެ ބުކިން ފީއެއް ނެގުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެޗްޑީސީން ސޭލްސް ޕާމިޓް ނެގުމުގެ ކުރިން އިތުރު ފީއެއް ނުނެގޭނެ ކަމަށެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވިޔަފާރީގެ ގޮތުން ހަދަމުންދާ މިޑް ރޭންޖް އަދި ހައި ލެވެލް ރެސިޑެންޝަލް ކޮމްޕްލެކްސް ވިއްކޭނީ ޑިވެލޮޕަރާއި ކަސްޓަމަރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެޕާޓްމަންޓެއް ވިއްކުމުގައި ހިމެނޭ މާލީ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ އެޗްޑީސީ އާއި ޑިވެލޮޕަރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށެވެ.
އެޗްޑީސީން ބުނީ އެޕާޓްމަންޓްތައް ވިއްކުމަށް ތައްޔާރުވުމުގެ ކުރިން ޑިވެލޮޕަރުންނަށް ކަސްޓަމަރުންގެ އަތުން 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން ރިފަންޑަބަލް ބުކިން ފީއެއް ނެގޭނެ ކަމަށެވެ. ދެން މި ފީ އުނިކުރާނީ އެޕާޓްމަންޓުގެ ޖުމްލަ އަގުންނެވެ.
އެޕާޓްމަންޓްތައް ވިއްކަން ބެހެއްޓޭނީ ސްޓްރަކްޗާގެ މަދަނީ މަސައްކަތުގެ ވިހި ޕަސެންޓް ނިމި، އެޗްޑީސީގެ ހުއްދައަށް އެދުމުންނެވެ. އެހެންކަމުން ސޭލްސް ޕާމިޓް ދޫކުރުމުގެ ކުރިން ކަސްޓަމަރުންގެ އަތުން ބުކިން ފީ ފިޔަވައި އެހެން އެއްވެސް ޗާޖެއް ނުނެގޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެޗްޑީސީން ބުނީ އަސޭރިޔާ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ތަރައްގީ ކުރާ މީހުން ދިރިއުޅޭ ހުރިހާ އިމާރާތަކުން ވެސް މި އުސޫލުގެ މަތިން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ އަތުން ބުކިން ފީގެ ގޮތުގައި ނުވަލައްކަ ފަންސާސް ހާސް ރުފިޔާ ނެގުމުގެ ހުއްދަ އަސޭރިއާ ޕްރޮޖެކްޓަށް ވަނީ ދޫކޮށްފައެވެ. އެ ކުންފުނިން ބުނީ މަދަނީ މަސައްކަތުގެ 20 ޕަސެންޓް ނިމުމުގެ ކުރިން ވެސް އެޗްޑީސީ އާއި ޑިވެލޮޕަރާ ދެމެދު ހަދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އަސޭރިއާގެ އެޕާޓްމަންޓްތައް ގަނެވޭނެ ކަމަށެވެ.
މީގެ ކުރިން ޑިވެލޮޕަރުން ވަނީ ކަސްޓަމަރުންގެ އަތުން ބުކިން ފީގެ އިތުރުން ބޮޑެތި ފީތަކެއް ނަގައި، ނިމިފައިވާ އެޕާޓްމަންޓްތައް ވަގުތުން ޑެލިވަރީ ނުކޮށް ފަށައިފަ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ގިނަ ޝަކުވާތަކެއް ވަނީ ކުރިމަތިވެފަ އެވެ. މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން ފެށި ބައެއް މަޝްރޫއުތައް އަދިވެސް ނުނިމި އޮތްއިރު، އެތަނުގެ އެޕާޓްމަންޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ވަނީ އިހުތިޖާޖުވެސް ކޮށްފަ އެވެ.