މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމަށް މެލޭޝިއާއިން ރާއްޖެއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އެވެ.
މެލޭޝިއާގެ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ދަށުން ހިންގާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އީއެމްޖީއެސް އަކީ މެލޭޝިއާގައި މަތީ ތައުލީމް ކުރިއެރުވުމުގެ ޒިންމާ އަދާކުރާ ކުންފުންޏެކެވެ.
މި ސްކޮލަރޝިޕްތައް ލިބޭނީ ހަ ދާއިރާއަކުންނެވެ.
– އާޓްސް އެންޑް ހިއުމެނިޓީސް: 75 ސްކޮލަޝިޕް
– އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ: 150 ސްކޮލަޝިޕް
– ލައިފް ސައިންސް އެންޑް މެޑިސިން: 63 ސްކޮލަޝިޕް
– ނެޗުރަލް ސައިންސް: 11 ސްކޮލަޝިޕް
– ސޯޝަލް ސައިންސް އެންޑް މެނޭޖްމަންޓް: 255 ސްކޮލަޝިޕް
– އެހެނިހެން ދާއިރާތައް: 7 ސްކޮލަރޝިޕް
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ މި އެމްއޯޔޫއަކީ ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށެވެ.
”މި އެއްބަސްވުމަކީ ތައުލީމީ ދާއިރާގެ ކުރިއެރުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށާއި ތައުލީމީ މަރުކަޒުތައް ތަރައްގީކުރުމަށާއި ދަރިވަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުން ވެސް ދޭ އަހަންމިއްޔަތު ހާމަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޓިއުޝަން ފީގެ ގޮތުގައި މާލީ ލުއިދިނުމުގެ އިތުރުން މެލޭޝިއާގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ވިސާ ޕްރޮސެސް ކުރުމާއި އިދާރީ އިންތިޒާމްތަކަށް ވެސް ދަރިވަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށް އީއެމްޖީއެސް އިން ބުންޏެވެ.
މެލޭޝިއާއަކީ ދިވެހި ދަރިވަރުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާއިރު، އެ ގައުމުގައި މިހާރު ވެސް 1700 އަށް ވުރެ ގިނަ ދިވެހިން މަތީ ތައުލީމް ހާސިލް ކުރެ އެވެ.