އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ތަޢުލީމީ މުއައްސަސާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ފަރާތެއްގެ ފުރާނަ ގެއްލުނު މައްސަލައިގައި، އެ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކުރެވިފައެވެ.
ޖޯޖިއާގެ އަޕަލަޗީ ހައި ސްކޫލްގައި 14 އަހަރުގެ ދަރިވަރަކު، ތަޢުލީމީ މަރުކަޒުގެ ތެރެއަށް ވަދެ ހަތިޔާރު ބޭނުންކޮށްގެން ހަތަރު ފަރާތެއްގެ ފުރާނަ ގެއްލުވާލީ ފާއިތުވި ބުދަ ދުވަހުއެވެ. މި ހިތާމަވެރި ހާދިސާގައި ފުރާނަ ދޫކޮށްލީ 14 އަހަރުގެ ދެ ދަރިވަރަކާއި ދެ މުދައްރިސެކެވެ. މީގެ އިތުރުން، މި ހާދިސާގައި ނުވަ ފަރާތަކަށް އަނިޔާވެ، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދެއެވެ.
ހަތިޔާރު ބޭނުންކުރި 14 އަހަރުގެ ކުއްޖާ ހައްޔަރުކޮށް، ގަސްތުގައި މީހުން މެރުމުގެ ދަޢުވާ އުފުލާފައިވާއިރު، އެ ކުއްޖާގެ ބައްޕަ ވެސް މިހާރު ވަނީ ބަންދުކުރެވިފައެވެ. ކުއްޖާގެ މައްޗަށް ވެސް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނީ ބާލިޣުވެފައިވާ ފަރާތަކާމެދު ޢަމަލުކުރާ އުސޫލުންނެވެ.
އުމުރުން 54 އަހަރުގެ ކޮލިން ގްރޭގެ މައްޗަށް މީހުން މެރުމުގައި ބައިވެރިވުން ފަދަ އެކި ބާވަތުގެ ދަޢުވާތައް އުފުލުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވެއެވެ. ކަމާގުޅޭ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، ގްރޭ ވަނީ ޤަޞްދުގައި، އޭނާގެ ދަރިފުޅަށް ”ހަދިޔާ“ އެއްގެ ގޮތުގައި ހަތިޔާރެއް ދީފައެވެ.
އެމެރިކާގެ ޤާނޫނުއަސާސީން އާންމު ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމުގެ ޙައްޤު ލިބިދީފައިވާއިރު، ތަޢުލީމީ މަރުކަޒުތަކުގައި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖިނާއީ ޢަމަލުތައް ވަނީ އިތުރުވެފައެވެ. މިފަދަ ހާދިސާތަކުގައި ބެލެ ބެލެނިވެރިންގެ އިހުމާލު ބޮޑުކަމަށް ބުނެ، ޤާނޫނީ ފިޔަވަޅު އެ އެޅުމަށް މިހާރު ވަނީ ފަށާފައެވެ.

