ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ބޭނުންކުރާ މަޝްހޫރު ޝިއާރު ”ފްރޮމް ރިވާ ޓު ދަ ސީ“ އަކީ ފޭސްބުކްގައި ބޭނުންކުރުން މަނާ އިބާރާތެއް ނޫން ކަމަށް މމަށް މެޓާގެ މިނިވަން ބޯޑުން ނިންމައިފިއެވެ.
މެޓާގެ ކޮންޓެންޓްއާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމާ ޕެނަލުން ވަނީ މި ޝިއާރު ހިމެނޭ ފޭސްބުކް ޕޯސްޓުތަކާގުޅޭ ތިން މައްސަލައެއް ރިވިއުކޮށްފައެވެ. މި ރިވިއުގެ ނަތީޖާއަކީ އެ އިބާރާތަކީ މެޓާގެ ސިޔާސަތުތަކާ ޚިލާފު އިބާރާތެއް ނޫން ކަމަށް ކަނޑައެޅުމެވެ.
ބޯޑުގެ ނިންމުމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ”މި ޝިއާރު ހިމެނޭ ކޮންޓެންޓް ފޭސްބުކުން ނުނެގުމަށް މެޓާއިން ނިންމާފައިވާ ނިންމުންތައް ދެމެހެއްޓުމަށް ބޯޑުގެ އަޣުލަބިއްޔަތުން ނިންމީ، މިއީ އެތައް މާނައެއް ހިމެނޭ އަދި އެކި މީހުން އެކި ގޮތްގޮތަށް އެކި ނިޔަތުގައި ބޭނުންކުރާ ޝިއާރަކަށް ވާތީ“ ކަމަށެވެ.
މި ނިންމުމުގައި ވަކިން ޚާއްސަކޮށް ފާހަގަކޮށްފައިވަނީ، އެ އިބާރާތުން ބަޔާންކޮށްދެނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުން ކަމަށާއި، އޭގެއިން އެއްވެސް ކަހަލަ އަނިޔާވެރިކަމަކަށް ނުވަތަ ވަކި ބަޔަކު އެކަހެރި ކުރުމަށް ހިތްވަރުނުދޭ ކަމެވެ.
”ފްރޮމް ދަ ރިވާ ޓު ދަ ސީ“ އަކީ އިސްރާއީލާއި ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާ ސަރަހައްދު ހިމެނޭ އުރުދުންގެ ކޯރާއި މެޑިޓެރޭނިއަން ކަނޑާ ދެމެދުގައިވާ ޖިއޮގްރަފިކަލް ސަރަހައްދައް ނިސްބަތްކޮށް ބޭނުންކުރާ އިބާރާތެކެވެ. ނަމަވެސް އިސްރާއީލުން ބުނަނީ އެ އިބާރާތުގައި އެ ބުނަނީ މުޅި ސަރަހައްދު ފަލަސްތީނަށް ލިބެންޖެހޭނެހޭނެ ވާހަކަ ކަމަށާއި އެއީ އަނިޔާވެރިކަމާއެކު އެ ބިމުން އިސްރާއީލުން ނެރެލުމަށް ގޮވާލުން ކަމަށެވެ.
އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ޣައްޒާއިން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި ދުނިޔޭގައި ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުން ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން އެކި ގައުމުތަކުގައި ބާއްވާ އެއްވުންތަކުގައި އާއި ސޯޝަލް މީޑިއާގައި ’ފްރޮމް ދަ ރިވާ ޓު ދަ ސީ‘ ބޭނުންކުރުން ވަނީ އިތުރުވެފައެވެ.