ރާއްޖެ އާއި ތުރުކީގެ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ އެއްބަސްވުން ދިވެހި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެފްޓީއޭ އަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެކުލަވާލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. ދެން އޮންނާނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް އެ އެއްބަސްވުން ހުށަހަޅައި ފާސްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން ލަފާކުރަނީ ޑިސެމްބަރު ނުވަތަ ޖެނުއަރީ 1 ހިސާބުގައި އަޅުގަނޑުމެންނަށް އިފެކްޓިވް ވާނެ ކަމަށް,“ މިނިސްޓަރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން 38 ބާވަތަކުން ޑިއުޓީ އެއްކޮށް ކަނޑާލަން ދިވެހި ސަރުކާރުން ތުރުކީ ސަރުކާރުގައި އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޔެލޯފިން ޓޫނާ، ސްކިޕްޖެކް ޓޫނާ، ހިކިމަސް އަދި މަހުގެ އެކި ބާވަތްތަކުން ތައްޔާރުކުރާ ކާނާތައް ހިމެނެއެވެ.
މީގެއިތުރުން، ރާއްޖެއިން ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށް ނިންމާފައެވެ. މިހާރު ދެ ގައުމުން އެއްބަސްވެފައިވަނީ ކަސްޓަމްސް މުވައްޒަފުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.