ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ 15 ވަނަ އަހަރަށް ރަޖިސްޓްރޭޝަން ހުޅުވާލައިފިކަމަށް ދިރާގުން މިއަދު އިއުލާނުކޮށްފިއެވެ. މި އަހަރުގެ އައު ކަމެއްގެ ގޮތުގައި އޮފީސް/ރިސޯޓު ޓީމުތަކަށް ޚާއްޞަ 5 ކިލޯމީޓަރުގެ ޓީމު އިވެންޓެއް ތަޢާރަފުކޮށްފައިވެއެވެ.
އޮފީސް/ރިސޯޓު ކެޓަގަރީގައި 4 މެންބަރުންގެ ޓީމުތަކަށް ބައިވެރިވެވޭނެއެވެ. ހުރިހާ ރިސޯޓުތަކާއި، ސަރުކާރު މުއައްސަސާތަކާއި، ދައުލަތުގެ ކުންފުނިތަކާއި އަދި އަމިއްލަ ސެކްޓަރުގެ މުވައްޒަފުންނަށް 4 މެންބަރުންގެ ޓީމުތައް ރަޖިސްޓަރކުރެވޭނެއެވެ. މި ކެޓަގަރީގައި ބައިވެރިވާ ކޮންމެ ޓީމަކުން 250 ރުފިޔާގެ ފީއެއް ނެގޭނެއެވެ.
އޮފީސް/ރިސޯޓު ކެޓަގަރީގެ ޗެމްޕިއަނުންނަށް 10،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ދެވަނައަށް އަންނަ ޓީމަށް 8،000 ރުފިޔާ އަދި ތިންވަނައަށް އަންނަ ޓީމަށް 6،000 ރުފިޔާ ލިބޭނެއެވެ.
ޑީއެމްއާރްއާރްއަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ރޭސްއެވެ. މި މެރަތަން ކޮންމެ އަހަރަކުވެސް އިޖުތިމާޢީ ކަމަކަށް ފަންޑު އެއްކުރުމަށް ޚާއްޞަކުރެވިފައިވާއިރު، މި އަހަރުވެސް އަމާޒުކުރެވިފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ.
ރަޖިސްޓްރޭޝަން ހުޅުވިފައި އޮންނާނީ ޖުމްލަ 4،000 ބައިވެރިންގެ އަދަދު ހަމަވަންދެން ކަމަށް ދިރާގުން ބުނެފައިވެއެވެ. މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރު 25 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.