އަން. ޑިސެމް 24th, 2024

ޑޮކްޓަރަކަށް ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ ސުޕްރީމް ކޯޓުން މެޑިކަލް ސަލާމަތީ ޓާސްކް ފޯހެއް އުފެއްދުމަށް އަމުރުކޮށްފި

އިންޑިއާގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު އަމުރުކޮށްފައިވަނީ، ޞިއްޙީ މަސައްކަތްތެރިންގެ ރައްކާތެރިކަން އިތުރުކުރާނެ ގޮތްތައް ބަލައި ދިރާސާކުރުމަށް ޤައުމީ ޓާސްކް ފޯހެއް އުފެއްދުމަށެވެ. މި އަމުރު ނެރެފައިވަނީ ޑޮކްޓަރަކަށް ރޭޕްކޮށް މަރާލުމުގެ ”ބިރުވެރި“ ހާދިސާއަކާ ގުޅިގެން ޞިއްޙީ މަސައްކަތްތެރިން ހުޅުވާލި ހަޅުތާލާއި ރުޅިވެރި އިހުތިޖާޖުތަކަށް ފަހުގައެވެ.

އޯގަސްޓް 9 ވަނަ ދުވަހު ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި 31 އަހަރުގެ ޑޮކްޓަރެއްގެ ހަށިގަނޑު ލޭއޮހޮރިފައި ފެނުމާ ގުޅިގެން، އަންހެނުންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތަކާ މެދު ޤައުމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރެވިފައިވެއެވެ. މި ހާދިސާއާ ގުޅިގެން، އިންޑިއާގެ ގިނަ ސިޓީތަކުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ ޖަމްޢިއްޔާތަކުން ވަނީ ހަޅުތާލު ފަށައި، ކޮންމެހެން ބޭނުން ނޫން ޚިދުމަތްތައް ހުއްޓާލާފައެވެ. މި އިހުތިޖާޖުތައް މިހާރު ވަނީ ދެވަނަ ހަފުތާއަށް ވަދެފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ކުށުގެ ”ޢަމަލުގެ އަނިޔާވެރިކަމާއި ބާވަތުން ޤައުމުގެ ހިތްތަކަށް ސިހުން ލިބިފައިވާ“ ކަމަށެވެ. ކޯޓުން އަމުރުކޮށްފައިވަނީ އިސް ޑޮކްޓަރުންގެ ”ޤައުމީ ޓާސްކް ފޯހެއް“ އުފައްދައި، ޞިއްޙީ މަރުކަޒުތަކުގައި ހިނގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ޕްލޭނެއް އެކުލަވާލުމަށާއި، މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަން ޤާއިމުކުރުމަށް ”ތަންފީޒުކުރެވޭނެ ޤައުމީ އުސޫލެއް“ އެކުލަވާލުމަށެވެ.

ކޯޓުން ފާހަގަކޮށްފައިވަނީ ޞިއްޙީ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާތައް ނެތުމާއި، ހޮސްޕިޓަލްތަކަށް ވަންނަ މީހުން ހަތިޔާރު ގެންގުޅޭތޯ ބަލައި ފާސްނުކުރުން ފަދަ ސަލާމަތީ ފިޔަވަޅުތައް ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ގިނަ ޞިއްޙީ މަރުކަޒުތަކުގައި ސެކިއުރިޓީ މުވައްޒަފުން ނެތުމަކީ އާންމު ކަމެއްކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.

މަރާލެވުނު ޑޮކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ހޮސްޕިޓަލުގެ ސެމިނަރ ހޯލުންކަމަށްވުމުން، އޭނާ 36 ގަޑިއިރުގެ ޝިފްޓެއްގައި މަސައްކަތްކުރަމުން ދަނިކޮށް ހުސްވަގުތުކޮޅެއް ހޭދަކުރަން އެތަނަށް ގޮސްފައިވާ ކަމަށް ބެލެވެއެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާގޮތުން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުވެފައިވެއެވެ.

ކޯޓުން އިތުރަށް ބުނެފައިވަނީ، ”ޤައުމަށް ރޭޕް ނުވަތަ މަރުގެ ހާދިސާއެއް ހިނގުމަށް ފަހު ނޫނީ ޙަޤީޤީ ބަދަލުތަކެއް ގެނައުމަށް އިންތިޒާރުކުރެވޭކަށް ނެތް“ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޮސްޕިޓަލުގައި މަސައްކަތްކުރާ، މީހުންނަށް އެހީތެރިވެދޭ މުވައްޒަފެއް ވަނީ ހައްޔަރުކުރެވިފައެވެ. އަދި ޑޮކްޓަރުން ވަނީ ޞިއްޙީ މަސައްކަތްތެރިން އަނިޔާއިން ރައްކާތެރިކުރުމަށް ހުށަހަޅާފައިވާ ސެންޓްރަލް ޕްރޮޓެކްޝަން އެކްޓް ތަންފީޒުކުރުމަށް ގޮވާލާފައެވެ.

އިންޑިއާގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ އަނިޔާގެ މައްސަލަތައް އިންތިހާއަށް ގިނަކަން ފާހަގަކުރެވެއެވެ. 2022 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކު 90 އަކަށްވުރެ ގިނަ ރޭޕްގެ މައްސަލަ ރިޕޯޓުކުރެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *