އަން. ޑިސެމް 24th, 2024

އިންޑިއާގެ ހޮސްޕިޓަލެއްގައި ދަސްކުރާ ޑޮކްޓަރެއް ރޭޕްކޮށް މަރާލުމުން ޑޮކްޓަރުން ހަޅުތާލަށް

ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި، 31 އަހަރުގެ ރެސިޑެންޓް ޑޮކްޓަރަކު ރޭޕްކޮށް މަރާލާފައި އޮއްވައި ފެނުމާ ގުޅިގެން، ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ ޑޮކްޓަރުން އިމަޖެންސީ ނޫން ހުރިހާ މަސައްކަތެއް ހުއްޓާލައި ހަޅުތާލު ފަށައިފިއެވެ.

ހުކުރު ދުވަހު ހޮސްޕިޓަލްގެ ސެމިނާ ރޫމަކުން ފެނުނު އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ހުއްޓެވެ. އޮޓޮޕްސީ ހެދުމުން ވަނީ އޭނާ ރޭޕްކުރުމަށްފަހު މަރާލާފައިވާކަން ކަށަވަރުވެފައެވެ. މި މަރުގެ ތުހުމަތުގައި ”އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް“ ގެ ސިވިކް ޕޮލިސް ވޮލަންޓިއަރެއް ވަނީ ހައްޔަރުކޮށްފައެވެ.

ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ފުރަތަމަ ފެށި ހަޅުތާލު މިހާރު ވަނީ މުޅި އިންޑިއާގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނަށް ފެތުރިފައެވެ. ޑޮކްޓަރުން ވަނީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފައެވެ.

ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ބަލިމީހުންގެ އާއިލާއިން ޑޮކްޓަރުންނާމެދު ހިތްހަމަނުޖެހި ރުޅިވެރިކަން ފާޅުކޮށް ހަމަނުޖެހުން ހިންގުން އާންމުވެފައިވެއެވެ. އަދި ހޮސްޕިޓަލްތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމާއި، ސިއްޙީ ދާއިރާގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އިތުރު ޤާނޫނެއް ހެދުމަށް އެދެއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަނުގެ ސާވޭއިން ދައްކާ ގޮތުގައި، އިންޑިއާގެ 75 ޕަސެންޓް ޑޮކްޓަރުންނަކީ މިފަދަ އަނިޔާވެރި ޢަމަލުތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *