ބާސެލޯނާގެ ޒުވާން ތަރި ލަމީނޭ ޔަމާލް އޭނާގެ އެންމެ މޮޅު ފޯމު ނުވަތަ ”ޓޮޕް ލެވެލް“ އަށް އެނބުރި ދިއުމަށް މަގުފަހިވަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.
ފްލިކް މިހެން ބުނީ ލަލީގާގައި ހޯމަ ދުވަހު ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ފްލިކް ބުނީ، ޔަމާލްގެ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވާކަން އެނގޭ ކަމަށާއި، ނަމަވެސް ބޮޑު އަނިޔާއަކަށްފަހު އޭނާ މުބާރާތްތަކަށް އެނބުރި އައިސް، ތިން ހަފްތާގެ ޗުއްޓީއަކަށްފަހު ސީޒަނާ ކުރިމަތިލީ ކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އޭޕްރީލް މަހު ލިބުނު އަނިޔާގެ ސަބަބުން ދިމާވި ދަތިތަކަށްފަހު، މިހާރު އޭނާ އެނބުރި އަންނަނީ އެންމެ ރަނގަޅު ހާލަތަށް ކަމަށް ވެސް ކޯޗު ފާހަގަކުރިއެވެ.
ސީޒަނުގެ ފުރަތަމަ މެޗުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗަކީ ޔަމާލްގެ އެންމެ މޮޅު ކުޅުން ފެނުނު މެޗަށް ނުވި ނަމަވެސް، ޓީމަށްޓަކައި އޭނާ ކޮށްދިން މަސައްކަތާމެދު އުފާކުރާ ކަމަށް ފްލިކް ބުންޏެވެ. އަދި ބުރާސްފަތި ދުވަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އުނދަގޫތަކެއް ދިމާވި ނަމަވެސް، ދެވަނަ ހާފު

ގައި ޔަމާލްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް 90 މިނެޓު ފުރިހަމަކުރި ކަމަށާއި، އޭނާގެ ފަރާތުން ”ޓޮޕް ލެވެލް“ ގެ ހުނަރުތައް ފެނިގެންދިޔަ ކަމަށް ކޯޗު ބުންޏެވެ.
”އެންމެން ވެސް ލަމީން ދެކެ ލޯބިވޭ. އަދި އޭނާ ހުރީ ވަރަށް ރަނގަޅު މިސްރާބެއްގަ. އަހަރެމެން ޖެހޭނީ އޭނާއަށް ސަޕޯޓް ކުރަން،“ ފްލިކް ބުންޏެވެ.
އެލްޗޭ މެޗަށްފަހު ޔަމާލްގެ މޫޑު ގޯސްވި ނަމަވެސް، ކުރިއަށް އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި އޭނާ ފެނުނީ ވަރަށް އުފާވެރިކޮށެވެ. މިކަމާ ގުޅޭގޮތުން ފްލިކް ބުނީ، ކުޅުންތެރިން އަބަދު ހިނިތުންވެފައި ތިބުމަކީ އެދޭ ކަމެއް ނަމަވެސް، ކޮންމެ ދުވަހަކު އެގޮތަށް ކަންކަން ނުހިނގާނެ ކަމަށެވެ.
ބާސެލޯނާއިން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފައިވާއިރު، އެ މެޗުތަކުގައި ރަފިންހާ ވަނީ ވަގުތީ 9 ނަންބަރު ފޯވާޑެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ޓީމު ވަރުގަދަ ކުރުމަށް ސްޕޯޓިން ޑިރެކްޓަރު ޑެކޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު ފޯވާޑަކު ނުގެނެވުނު ނަމަވެސް މިހާރު އޮތް ސްކޮޑާމެދު ފުރިހަމަ އިތުބާރާއި ހިތްހަމަޖެހުން އެބައޮތް ކަމަށް ވެސް ފްލިކް ވަނީ ހާމަކޮށްފައެވެ.

